ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީއަށް ގޮނޑިއެއް ނެތަސް، ކޮންމެ ފަހަރަކު ވެރިކަމަށް އަންނަން ބޭނުންވާ ވޯޓުކޮޅު ހަމަކޮށްދެނީ އެ ޕާޓީން ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ޝިދާތާ މިހެން ވިދާޅުވެފައިމިވަނީ، ރައްޔިތުންގެ ކުޑަވެސް ތާއީދެއް އެއްވެސް ދާއިރާއަކުން އަދާލަތު ޕާޓީއަށް ލިބި މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް ކާމިޔާބުކުރެވިފައި ނުވި ނަމަވެސް، މަޖިލީހުގެ ނިޒާމަށް ހުރަސްއަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ހުރެގެން ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވުމާ ގުޅިގެންނެވެ.
ހަސަން ލަތީފަށް ރައްދުދެއްވުމަށް ޝިދާތާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ޝެއިހް އިމްރާން މަޖިލީހުގައި ހިނގައިދިޔަ ކަންކަމުގެ ތެރެއަށް ވަންނަނީ އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ނޫން ކަމަށާއި ދާހިލީ ވަޒީރުގެ ހައިސިއްޔަތުން ކަމަށެވެ.
"އަދާލަތު ޕާޓީގެ ގޮނޑިއެއް މަޖިލީހުގައި ނެތަސް، އަދާލަތު ޕާޓީއަކީ ކުޑަ ޕާޓީއަކަސް، ކޮންމެ ފަހަރަކު ވެރިކަމަށް އަންނަން ބޭނުންވާ ވޯޓުކޮޅު ހަމަކޮށްދެނީ އަދާލަތު ޕާޓީން. މިއަދު މާބޮޑު ބިޔަ ޕާޓީތަކުން އެކަން ހަނދާން ނެތިގެން އުޅުނަސް،" ޝިދާތާ ވިދާޅުވިއެވެ.
ޝިދާތާ ވިދާޅުވީ މަޖިލީހުގައި ހިނގައިދިޔަ ކަންކަމުގެ ތެރެއަށް ވަންނަނީ އިމްރާންއާ ހަވާލުކުރެވިފައިވާ ޒިންމާ އަދާކުރެއްވުމަށް ކަމަށާއި މަޖިލީހުގެ މެންބަރުކަން ކުރަންވާނީ އަދި ބިޔަބޮޑު ޕާޓީގެ ޗެއާޕާސަންކަން ކުރަންވާނީ މިވަރު ދަންނަ މީހުން ކަމަށެވެ.
އެ މައްސަލަ ގޯސްވެފައިވަނީ ރޭ ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވި ވާހަކަތަކަކާ ގުޅިގެންނެވެ. އިމްރާން ވިދާޅުވީ މަޖިލިސް ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުން ފުލުހުންނާ ހިސާބަށް މިހާރު ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން އެ މައްސަލަ އިންސާފުވެރިކަމާއެކު ބަލައި އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށާއި އެއީ ފުލުހުންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެމްޑީޕީން ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުން ކުރާ ކަންތައްތައް ބަލައި ފިޔަވަޅު އެޅުމުގެ އިންތިޒާމު މަޖިލިސް ތެރޭގައި ހަމަޖެހިފައިވާ ކަމަށެވެ. އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، މަޖިލިސް ތަޅުމުގައި ހިނގައިދިޔަ ހާދިސާގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަކީ، މަޖިލިސް ގަވައިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އެ މައްސަލަ މަޖިލީހުން ބޭރަށް ނެރެގެން ނުވާނެ ކަމަށާއި، މަޖިލީހުގައި އެކަމަށް އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.
މަޖިލިސްގެ މެންބަރުންގެ ކަންތައްތައް ބެލުމަށްޓަކައި އިމްތިޔާޒުގެ ކޮމިޓީގެ ނަމުގައި މަޖިލީހުގައި ކޮމިޓީއެއް އޮވެއެވެ.