ޚަބަރު

އަންނަ މަހު ފްލެޓުތައް ހަވާލުކުރާނެ ކަމަށް ބުނެވުނީ އޮޅުމަކުން: މިނިސްޓްރީ

އަލީ ޔާމިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު އައިމިނަތު އާތިފާއަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ކޮމިޓީގެ ގިނަ މެންބަރުންތަކެއް ވަނީ ހިޔާ މަޝްރޫއުގެ ފްލެޓުތައް ހަވާލު ކުރުމަށް މިދިޔަ ސަރުކާރުން އާންމުކޮށްފައިވާ ލިސްޓު އެސެސްޓް ކުރުމުގައި ލަސްތަކެއް އުޅޭތީ ކަންބޮޑުވުން ފާޅު ކުރައްވައިފައި އެކަމާ މެދު ސުވާލު ކުރައްވާފައެވެ.

މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އާތިފާ ވިދާޅުވީ، ހިޔާގެ ލިސްޓް އެސެސްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ރައީސް އޮފީހުގައި އެކަމަށް އެކުލަވާލި ކޮމިޓީއާ ގުޅިގެން ކަމަށާއި އަންނަ މަސް ނިމެންވާއިރަށް ފްލެޓުތައް ހަވާލު ކުރެވިގެންދާނެ ކަމަށެވެ.

"ހާލަތު ބެލުމުގެ މަސައްކަތް ކޮމިޓީން ކުރާއިރު، އަޅުގަނޑުމެން މިނިސްޓްރީން މި ދަނީ ޑޭޓާ ޕްރޮސެސް ކުރުމުގެ މަސައްކަތް. އެ މަސައްކަތް ވެސް 90 ޕަސެންޓް ނިމިފައި އޮތީ. އެހެންވީމަ އަޅުގަނޑުގެ އުއްމީދު ކުރަނީ ޖުލައި މަސް ނިމޭއިރު ހަވާލު ކުރެވޭ ވަރު ވާނެ ކަމަށް،" މިނިސްޓަރު އާތިފާ ވިދާޅުވިއެވެ.

ނަމަވެސް މިރޭ ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިނިސްޓަރަށް އެހެން ވިދާޅުވެވުނީ އޮޅުމަކުން ކަމަށެވެ. އަދި ކޮވިޑް 19ގެ ސަބަބުން ހާލަތުގެ ބެލުމަށް ގޭގެއަށް ޒިޔާރަތް ކުރުމުގައި ދަތިތަކެއް ހުރުމުން ކުރިން ފައިނަލް ލިސްޓް އާންމުކުރަން ތާވަލުކުރި ތާރީހުގައި ލިސްޓް އާންމު ކުރެވިފައިނުވާ ކަމަށެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ބުނީ ހިޔާ ފްލެޓުތަކުގެ މަސައްކަތް މުޅިން ނިންމައިލެވޭނީ މިއަހަރުގެ ފަހުކޮޅު ކަމަށެވެ.