ސަންފްރޮންޓް ލައިޓް ހުންނަ މ. ނަލަހިޔާ މަންޒިލްގައި ހަދަމުން އަންނަ އިމާރާތުގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެ ނުވަ އަހަރުގެ އަންހެން ކުއްޖަކު ޒަޚަމުވި ވީޑިއޯ އާންމުވެފައިވާ އިރު ސޯޝަލް މީޑިއާގައި އެކި ކަހަލަ ވާހަކަތައް އަންނަނީ ފެތުރެމުންނެވެ.
މި ކަމުގައި އެންމެ ސީރިއަސް މައްސަލައަކަށް ވާން ޖެހޭނީ ތަނުގެ ސަލާމަތީ ކަންތައްތައް ކަމާމެދު ސުވާލެއް ނެތެވެ. ދުވާރު މަތީން ހިނގާފައިވާ ދާ މީހުންގެ ބޮލަށް ދަގަނޑާއި ސިމެންތި އާއި ކޮންކްރީޓް ފައިބައިގެން ވާނެ އެއްވެސް ހާލަތަކީ ބަލައިގަނެވިގެން ވާނޭ ކަމެއް ނޫނެވެ.
ކުޑަ ކުއްޖާގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓޭ ވީޑިއޯއިން ފެންނަ ގޮތުގައި އެކުއްޖާ ހިނގާފައި އަންނަ އިރު ގާތްގަނޑަކަށް ދެތިން ފޫޓު ފަހަތުގައި އަންހެނެއް ހުރެ އެވެ. ބޮޑަށް ލަފާކުރެވޭ ގޮތުން އެއީ އެކުއްޖާއާ އެކު ހިނގާފައި ދިޔަ ބިދޭސީ އަންހެނެކެވެ.
މަތީން ސިމެންތި ބަސްތާ ވެއްޓެނީ ސީދާ ކުޑަކުއްޖާގެ ބޮލަށެވެ. އެއާއެކު ސިމެންތި ބަސްތާ ފަޅައިގެން ގޮސް ބޮމެއް ގޮވުމުން ދުންގަނޑު އަރައިގަންނަ ފަދައިން މުޅި ސަރަހައްދު ދުމަށް ވެގެން ދެއެވެ. އެންމެ ކައިރީގައި ހުންނަ މީހާވެސް ވަކި ނުވާ ވަރަށެވެ. އެ ވަގުތު އެ ކުއްޖާއާ އެކު ހިނގާފައި އައި އަންހެން މީހާވެސް އަލުން އެނބުރި އައިކޮޅަށް ދެއެވެ.
އެ ވަގުތު އެތަނުގައި ތިބި ބިދޭސީންގެ ތެރެއިން އެކަކު ކުއްޖާ ވެއްޓިފައި އޮތް ތަނުގެ ކައިރިން ހިނގާފައިދެއެވެ. އޭނާއަށް ވެސް ކުއްޖާއެއް ނުފެނެ އެވެ. އޭނާއަށް ކުއްޖާ ފެންނަނީ ދެވަނަ ފަހަރަށް އެތަނަށް ކަރިވީ ވަގުތު އެވެ. ބޭރަށް ފެންނަން އޮތީ ކުއްޖާގެ ފައި އެކަންޏެވެ. އެވަގުތު އެ ބިދޭސީ މީހާ އެހެން މީހުނަށް ގޮވަ އެވެ. އެއާ އެކު ދެތިން ބިދޭސީންނާ އެކު އިތުރު ދެތިން ދިވެހީން ވެސް އެތަނަށް ކައިރިވެ އެވެ. އެތަނުން އެއް ދިވެއްސަކު މައްޗަށް ބަލަހައްޓައިގެން ހުރެ ކޮންމެވެސް ތަނަކަށް ފޯނުކުރާ މަންޒަރު ވީޑިއޯއިން ފެނެ އެވެ. އެމީހާ ގުޅީ އެމްބިއުލާންސަށް ކަމަށް ވެދާނެ އެވެ.
އެވަގުތު އެކުއްޖާއާ އެކު ކުރީން ހިނގާފައި އައިސް ސިމެންތި ބަސްތާ ވެއްޓި ދުންގަނޑު އެރުމުން ދުރަށް ދޔަ އަންހެން މީހާ ދުވެފައި އައިސް ސިމެންތި ބަސްތާ ދަށުގައި ނިވާވެފައި އޮތް ކުއްޖާ ނެގުމަށް ޓަކައި ސިމެންތިފޮޅައި ހަދާތަން ވީޑިއޯއިން ފެނެ އެވެ. އޭރު ވެސް އެތަނުގައި ކޮޅަށް ތިބި އެއްވެސް ފިރިހެނަކު ގުދުވެ ކުއްޖާގެ ގައިމަތީ އޮތް ބަސްތާ ނުވަތަ ސިމެންތިތައް ދުރުކުރަން ނުވަތަ ފޮޅާކަށް ނޫޅެ އެވެ. ވަށައިގެން ހައެއްކަ ފިރިހެނުން ތިބީ ކޮޅަށެވެ.
ދެން ފެންނަނީ ކުޑަ ކުއްޖަކު ގޮވައިގެން އެތަނަށް ކައިރިވި ފިރިހެނެކެވެ. އެމީހާ ބަލާކަށް ނުހުރެ ކުއްޖާ ނަގައިގަނެގެން ގެންދާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.
މި ގޮތަށް ކުއްޖާ ނަގައިގެންގެން ގެންދިއުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވެދާނެ އެވެ. އެއީ ކުއްޖާއަށް ބޮޑެތި ޒަޚަމުތަކެއް ލިބިފައި ހުރި ނަމަ އުފުލޭ ގޮތަކުން ކުއްޖާގެ ހާލު އިތުރަށް ގޯސް ވުމަކީ ވަރަށް ގާތް ކަމެކެވެ.
އެހެން ނަމަވެސް މި ހާލަތުގައި ވަރަށް ގިނަ ބަޔަކު އުފައްދާ ސުވާލަކީ ގިނަ ފިރިހެނުން ތަކެއް އެތަނުގައި ތިބެ، ކުޑަކުޑަ ކުއްޖެއް ސިމެންތި ބަސްތާ ދަށުގައި ތާށިވެފައި އޮތް އިރު، އެންމެ ކުޑަމިނުން އެ ބަސްތާ އެތަނުން ނަގައި ކުއްޖާއަށް ނޭވާ ލެވޭނެ ގޮތެއް ނުވަތަ އެކުއްޖާގެ ހަށިގަނޑުން ސިމެންތިތައް ފޮޅައިނުލީ ކީއްވެތޯއެވެ؟ ވީޑިއޯއިން ފެންނަ ގޮތުގައި ސިމެންތީގެ ދުންގަނޑުން އެއްޗެއް ފެންނަވަރަށް ތަން ސާފުވީ އިރު ވެސް އެކުއްޖާގެ ހަށިގަނޑުން ފެންނަން އޮތީ ދެފައި އެކަންޏެވެ. ދުރުން އެންމެ ފަހުން އައި ފިރިހެން މީހާ ކުއްޖާ ނަގައިގެނެގެން ގެންދިޔަ ވެސް ކައިރީގައި ތިބި ހުރިހާ ފިރިހެނުން ފެނުނީ ހަދާނެ ގޮތެއް ނޭނގި ނަމަވެސް ކޮޅަށް ތިބި ތަނެވެ. ކުއްޖާއަށް އެހީވެ ސިމެންތި ފޮޅުމުގެ މަސައްކަތް ކުރީ ހަމަ އެކަނި އަންހެން މީހާ އެވެ.