ޚަބަރު

ސްކޫލުތައް ނިއު ނޯމަލްއާ ދިމާއަށް! ދަރިވަރުންގެ ހުންބެލުމަށް 500 ތާމޯމީޓަރު ހޯދަން އިއުލާނުކޮށްފި

އަލީ ޔާމިން

ކޮވިޑް 19އާ ގުޅިގެން ސްކޫލުތަކަށް ބޭނުންކުރުމަށް ގިނަ އަދަދެއްގެ ޑިޖިޓަލް އައިއާރް ތާމޯމީޓަރު ހޯދުމަށް އިއުލާންކޮށްފިއެވެ.

މިއީ ސްކޫލުތައް ހުޅުވުމުގެ ކުރީން، ނިއު ނޯމަލް އަށް ތައްޔާރުވުމަށް ޓަކައި ހޯދާ ތާމޯމީޓަރު ތަކެކެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ކޮވިޑާ ގުޅިގެން ސްކޫލްތަކުގައި ބޭނުންކުރުމަށް 500 ޑިޖިޓަލް އައިއާރް ތާމޯމީޓަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށް ކަމަށާއި މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް ޖޫން މަހުގެ 5 ވަނަ ދުވަހުން ޖޫން މަހުގެ 9 ވަނަ ދުވަހަށް https://bit.ly/2Y3cevP މެދުވެރިކޮށް ފޯމް ހުށަހެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10,000ރ. ހުށަހަޅަން ޖެހޭނެ ކަމަށާއި، ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހުގެ މުއްދަތެއްކަމަށްވެސް ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ ޖޫން 15 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާގެ މީޓިން ރޫމް 1 ގައި ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މީގެ ކުރީން ބުނެފައި ވަނީ ސްކޫލްތައް ހުޅުވާ އިރު، އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެ ގޮތުން ގައިދުރުކަން ކަށަވަރުކުރުމާއި ދަރުވަރުންގެ ހުން ބެލޭނެ އިންތިޒާމުތައް ހަމަޖެއްސުން ފަދަ ކަންކަން ފާހަގަ ކުރެވެ އެވެ.