ޚަބަރު

ގާނޫނުއަސާސީ އިސްލާހުކުރުމަށް ބޭއްވި ޖަލްސާގައި ހިނގައިދިޔަ ކަންކަމާމެދު ބާ ކައުންސިލުގެ ރައުޔަކަށް އެދިއްޖެ

ގާނޫނުއަސާސީ އިސްލާހުކުރުމަށް މިދިޔަ އަންގާރަ ދުވަހުގެ ދަންވަރު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ހިނގައިދިޔަ ކަންކަމާ ގުޅޭގޮތުން ބާ ކައުންސިލުގެ ރައުޔެއް ހޯދަން އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން އެދިއްޖެއެވެ.

އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވައި ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދަށް އިއްޔެ ފޮނުއްވި ސިޓީގައި ބުނެފައިވަނީ، ގާނޫނުއަސާސީ އިސްލާހުކުރުމާ ގުޅޭ އެންމެހައި މަރުހަލާތަކެއް އެމްޑީޕީން ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ހުދުމުހުތާރުކޮށް، ރައްޔިތުންގެ އާންމު ހިޔާލާއި މަޝްވަރާ ހޯދުމެއް ނެތި ކަމަށެވެ.

ޑިމޮކްރަސީގެ އެންމެ އަސާސީ ސިފައަކީ ހަމަހަމަކަމާއެކު ހުރިހާ ފަރާތްތަކެއްގެ އަޑުއެހުން ކަމުގައިވާ އިރު، އެމްޑީޕީން ގާނޫނުއަސާސީ އިސްލާހުކޮށްފައިވަނީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށްފަހު ކަމަށާއި މިފަދައިން ގާނޫނުއަސާސީ އިސްލާހުކުރި ކުރުމުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ސިޓީގައިވެއެވެ.

ސިޓީގައި ބުނެފައިވާ ގޮތުން އެ ޖަލްސާއާ ގުޅޭގޮތުން ބާ ކައުންސިލުގެ ރައުޔަކަށް އެދުނީ ގާނޫނީ ފަންނުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ޑ)ގައި އާންމު މަސްލަހަތާ ގުޅުންހުރި ގާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާއި ކަންތައްތަކާ ގުޅިގެން ރައުޔާއި މައުލޫމާތު ހާމަކުރުމަކީ އެ ކައުންސިލުގެ ބާރުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް ބަޔާންކޮށްފައިވާތީއެވެ.

އެގޮތުން ތިން ކަމަކަށް ބާ ކައުންސިލްގެ ރައުޔެއް ހޯދުމަށް އެ ސިޓީގައި އެދިފައިވެއެވެ. ފުރަތަމަ ކަމަކީ ގާނޫނުއަސާސީގެ 266 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގެ ރޫހާއި މަޖިލީހުގެ ގަވާއިދުގެ 93 އަދި 94 ވަނަ މާއްދާއާ ހިލާފަށް ކައުންސިލްތަކުގެ ދައުރު ދަންމާލަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު ފާސްކުރި ކުރުމުގެ ސައްހަކަމާ މެދު ގާނޫނީގޮތުން ދެކެވަޑައިގަންނަވާ ގޮތެއް ހާމަކޮށްދިނުމެވެ.

ދެވަނަ ކަމަކީ އޮޕޮޒިޝަންގައި ހިމެނޭ ޕާޓީތަކަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން މަޖިލީހުގެ މާލަމަށް ވަނުމަށް ހުރަސްއަޅައި، ވޯޓުގައި ބައިވެރިވިޔަ ނުދީ އެ މެންބަރުން ނިސްބަތްވާ ދާއިރާތަކުގެ މެންބަރުންގެ ހިޔާލާއި މަޝްވަރާ ހިއްސާކުރުމުގެ ފުރުސަތު ނުދީ ގާނޫނުއަސާސީއާއި ހާއްސަ ބިލު ފާސްކުރުމުގެ ސައްހަކަމާ މެދު ދެކެވަޑައިގަންނަވާ ގޮތް ހާމަކޮށްދެއްވުމަށެވެ.

ދެން ރައުޔަކަށް އެދިވަޑައިގެންފައިވަނީ މެންބަރު ޝިޔާމްގެ ނަން ރިޔާސަތުން އިއްވާފައިވަނީ މަޖިލީހުގެ ގަވައިދާ އެއްގޮތަށްތޯއާ މެދު ކުރެވޭ ސުވާލާ މެދު ދެކެވަޑައިގަންނަވާ ގޮތެއް ހާމަކޮށްދެއްވުމަށެވެ.

އެ ސިޓީގައި ބުނެފައިވަނީ، ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި ވަކީލުންނަކީ ނުހަނު މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމުގައިވާއިރު ގާނޫނާއި ގަވައިދުތަކާ ހިލާފަށް ދިވެހި ދައުލަތުގެ އެއްބާރުން އަމަލުކޮށްފައިވާ މިދަނޑިވަޅުގައި ބާ ކައުންސިލުން ބަހެއް ބުނުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.