ޚަބަރު

ޖާބިރު ހެލިކޮޕްޓަރު ގެނައުމުން ހުއްދަ ދިނުމުގައި އެއްބާރުލުން ދޭނަން: މިނިސްޓަރު ނަހުލާ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ރާއްޖެއަށް ހެލިކޮޕްޓަރު ގެނައުމުން ކުރިއަށްގެންދަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ދޭންޖެހޭ ހުއްދަތައް ދިނުމުގައި އެއްބާރުލުން ދެއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް، މިނިސްޓްރާއެކު އެމިނިސްޓްރީގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީިގެ މެންބަރުންގެ ތެރެއިން ހެލިކޮޕްޓަރުގެ ކަންތައްތަކާ ބެހޭގޮތުން ޖާބިރު ސުވާލުކުރެއްވުމުން މިނިސްޓަރު ވިދާޅުވީ، ހެލިކޮޕްޓަރުގެ ދަތުރުތަކަށް ދޭންޖެހޭ ހުއްދަ ދިނުމަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި ﷲގެ އިރާދަފުޅުން އިއްޒަތްތެރި މެންބަރުގެ ހެލިކޮޕްޓަރު އައުމުން އެ ފޮލޯކުރަންޖެހޭ ޕްރޮސެސްތައްް އަޅުގަނޑުމެން ފޮލޯކޮށްފައި ހަމަ ދޭންޖެހޭ ހުއްދަތައް އަޅުގަނޑުމެން ދިނުގައި އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވަން،" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ޖަވާބުދެއްވުމުން ޖާބިރު ވިދާޅުވީ ހެލިކޮޕްޓަރު ރާއްޖެ ގެނެސް، މިނިސްޓަރާ ބައްދަލުކުރައްވާނެ ކަމަށާއި އެކަމަށް މިނިސްޓަރު ހުއްދަ ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެ ހެލިކޮޕްޓަރަކީ ޕްރައިވެޓް ހެލިކޮޕްޓަރެއް ކަމަށާއި އޭގައި ރައްޔިތުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި އޮޕަރޭޓް ކުރަނީ އިންޑިއާއިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކޮށްފައިވާ މިލިޓަރީ ދެ ހެލިކޮޕްޓަރެވެ. އާއްމު ގޮތެއްގައި އެ ހެލިކޮޕްޓަރުތައް ބޭނުންކުރަނީ ކުއްލި ހާލަތްތަކުގައި އެކި ރަށްރަށުން މީހުން މާލެ ގެނައުމަށެވެ.

މީގެ 20 އަހަރު ކުރިން ހަމިންބާޑް އައިލެންޑް އެއާވޭސް ކިޔާ ކުންފުންޏަކުން ވެސް ވަނީ ހެލިކޮޕްޓަރު އޮޕަރޭޓް ކޮށްފައެވެ. ނަމަވެސް ދިމާވި ހިތާމަވެރި ދެ ހާދިސާއެއްގައި ހެލިކޮޕްޓަރު ވެއްޓި މީހުން މަރުވި ހާދިސާއަށްފަހު އެކަން ހުއްޓުވައިލިއެވެ.