ޚަބަރު

އިކޮނޮމިކް ރިލީފް ޕެކޭޖުން އެހީދިން ފަރާތްތަކުގެ ލިސްޓު ހޯދަން އެދިއްޖެ

އަލީ ޔާމިން

ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން ގެއްލުންވި ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ތައާރަފު ކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖުން އެހީ ދީފައިވާ ފަރާތްތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުން ހޯދުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މީކާއީލް ފޮނުއްވި ސިޓީއެއްގައި ވަނީ، އިކޮނޮމިކް ރިލީފް ޕެކޭޖްގެ ތެރެއިން އެހީއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް ބުނާ ބައެއް ފަރާތްތަކަށް އެހީ ލިބިފައި ނުވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެހެންކަމުން އެހީ ލިބުނު ފަރާތްތަކުގެ ލިސްޓު އާންމުކޮށް ފެންނަން އޮތުމަކީ އެހީ ދިނުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށެވެ.

އެ ސަބަބަށްޓައި މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއެއް މެދުވެރިކޮށް ސަރުކާރުން އެ ލިސްޓު ހޯދައި އާންމުކޮށްދޭން މީކާއިލް އެދިވަޑައިގެންފައިވެއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން މި ހާލަތުގައި ވަޒީފާ ގެއްލުމާއި ނޯޕޭއަށް ފޮނުވާލުމާއި މުސާރަ ކުޑަކުރުން ފަދަ ކަންކަމުން ގެއްލުންވީ މީހުންނަށް މިމަހުގެ ދެވަނަ ދުވަހާ ހަމައަށް ވަނީ 1.5 މިލިއަން ރުފިޔާ ދޫކުރެވިފައެވެ. އަދި ވިޔަފާރިތަކަށް އެހީތެރިވުމަށް ހުޅުވާލި ލޯނު ސްކީމަށް 1،136 ފަރާތަކުން ހުށަހެޅި އިރު، އޭގެ ތެރެއިން 618 ފަރާތެއްގެ އެޕްލިކޭޝަނަށް ހުއްދަދެވި، ވިޔަފާރިތަކަށް މިހާތަނަށް ވަނީ 30.5 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.

މީގެ އިތުރުން އަމިއްލަ މަސައްކަތް ކުރާ މީހުންގެ މިހާތަނަށް ދޫކޮށްފައި ވަނީ 1.7 މިލިޔަން ރުފިޔާ ކަމަށްވެސް ފިނޭންސުން ބުނެއެވެ.