ޚަބަރު

ރާއްޖޭގެ ނޫސްވެރިކަން ކުރިއެރުވުމަށް ޓެކްނޮލޮޖީގެ ރޮގުން އެހީތެރިކަން ފޯރުކޮށްދޭނަން: ކޮމިޔުކޭޝަން މިނިސްޓްރީ

އަލީ ޔާމިން

ރާއްޖޭގެ ނޫސްވެރިކަން ކުރިއެރުވުމަށް ޓެކްނޮލޮޖީގެ ރޮނގުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީ އޮފް ކޮމިޔުކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއިން ބުނެފިއެވެ.

ރާއްޖޭގެ ނޫސްވެރިކަމަށް 77 އަހަރު ފުރުމާ ގުޅިގެން ކޮމިޔުނިކޭޝަން މިނިސްޓްރީން ނެރުނު މެސެޖުގައި ބުނީ، ރާއްޖޭގެ އެންމެ ފުރަތަމަ ނޫސް "ސަރުކާރު ހަބަރު" ނެރެން ފެށިތާ މިއަދަށް 77 އަހަރުވުމުގެ މުނާސަބަތުގެ ހެޔޮއެދުންތައް ދިވެހި ހުރިހާ ނޫސްވެރިންނަށް ފޮނުވާ ކަމަށެވެ.

ނޫސްވެރިންގެ ގައުމީ ހިދުމަތް ފާހަގަކޮށް އައްސަރިބަހާ ސާބަސް ދޭކަމަށްވެސް އެ މެސެޖުގައި ވެއެވެ.

މެސެޖުގައި ބުނީ، ވޭތުވެދިޔަ 77 އަހަރުގެ ތެރޭގައި ރާއްޖޭގެ ނޫސްވެރިންކަން ވަނީ ގިނަ ހަރުފަތްތަކެއް ގިރާކޮށް، ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައި ކަމަށެވެ. އެގޮތުން މީގެ 25 އަހަރު ކުރިން އޮންލައިން ނޫސްވެރިކަން ފެށި ރާއްޖޭގެ ނޫސްވެރިން މިހާރުވަނީ ސައްތައިންސައްތަ އޮންލައިން ނޫސްވެރިކަމަށް ވަދެފައި ކަމަށްވެސް މެސެޖުގައި ވެއެވެ.

މީގެ އިތުރުން ކޮމިޔުނިކޭޝަން މިނިސްޓްރީގެ މެސެޖުގައި ބުނީ. ރާއްޖޭގެ ނޫސްވެރިކަން ކުރިއެރުވުމަށް ޓެކްނޮލޮޖީގެ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް އެ މިނިސްޓްރީން ކުރާނެ ކަމަށެވެ.