އަލީ ޔާމިން
ރައްޔިތުންގެ މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުތަކުގެ ތެރެޔަށް އަރައިގަތުމުގެ ވިސްނުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ހުރެގެން ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވުމުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒްގެ ހޫނު ރައްދެއް ހަސަން ލަތީފަށް އަމާޒުކޮށްފިއެވެ.
ހަސަން ލަތީފްގެ ޓުވީޓެއްގައި އިއްޔެ ވިދާޅުވީ، "ރައްޔިތުންގެ ކުޑަވެސް ތާއީދެއް އެއްވެސް ދާއިރާއަކުން އަދާލަތު ޕާޓީއަށް ލިބި މަޖިލީހުގެ އެންމެ ގޮނޑިއެއްގެ މިންވަރުވެސް ކާމިޔާބު ކުރެވިފައި ނުވިނަމަވެސް، މަޖިލީހުގެ ނިޒާމަށް ހުރަސް އަޅަައި މަޖިލީހުގެ އިންތިޒާމްތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ޝައިހު އިމްރާން ގެ ހުރެގެން ނުވާނެ،" ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުތަކުގެ ތެރެޔަށް އަރައިގަތުމުގެ ވިސްނުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ހުރެގެން ނުވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވީ، ގާނޫނު އަސާސީ އިސްލާހުކުރުމަށް މިދިޔަ ހޯމަ ދުވަހުގެރޭ ދަންވަރު، ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި، އިކޮޅު ޕީޕީއެމްގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރާއި، އެމްޑީޕީގެ މެންބަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާ ގުޅިގެންނެވެ.
މިނިސްޓަރު އިމްރާން ދިފާއު ކުރައްވައި ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޮޑު ޕާޓީ (އެމްޑީޕީ)ގެ ބޭފުޅުންގެ އިންޒާރަށް ސިހިވަޑައިނުގެން ހަވާލުކުރެވިފައިވާ ޒިންމާ ފުރިހަމަޔަށް އަދާކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މަގާމު ގެއްލުނަސް އެއީ ނިކަމެތިކަން ލިބޭނެ ކަމެއް ނޫން ކަމަށާއި، މަގާމަށްވުރެ އަދުލުވެރިވުން މުހިންމު ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން މޫސާގެފާނަށް ތަބާވީ މަދު މީސްކޮޅެއް ކަމަށް ވިދާޅުވެ ފިރުއައުނު ބޮޑާވެ ގަތުމުން ފިރުއައުނުގެ ނިމުން އައިސްފައިވާ ގޮތްފަދަ ހާދިސާތަކުން ހަސަން ލަތީފް އިބްރަތް ހާސިލް ކުރުމަށް ޑރ. އިޔާޒް އިލްތިމާސްކުރެއްވިއެވެ.
"ފިރުއައުނުވެސް މޫސާގެފާނަށް ތަބާވީ މީހުންނާ ދިމާލަށް ބުނި، "މިއީ މަދު މީސްކޮޅެކޭ" މިހެން ކިޔައި ބޮޑާވެގެން އުޅެނިކޮށް އާހިރުގައި ފިރުއައުނާ އޭނާގެ އައުވާނުން ގަރަގުވެ ނެތިގެން ދިޔައީ. ހަސަން ލަތީފް މިފަދަ ހާދިސާތަކުން އިބްރަތް ހާސިލް ކުރެއްވުމަށް ނަސޭހަތްތެރިވަން" ޑރ. އިޔާޒްގެ ޓްވީޓުގައި ވެއެވެ.
މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުމުގެ ކަންކަން ފުލުހުން ބަލާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ނަމަވެސް އެމްޑީޕީން ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުން ކުރާ ކަންތައްތައް ބަލައި ފިޔަވަޅު އެޅުމުގެ އިންތިޒާމު މަޖިލިސް ތެރޭގައި ހަމަޖެހިފައިވާ ކަމަށެވެ.