އަލީ ޔާމިން
ސިއްހީ ކުއްލި ހާލަތްތަކުގައި ފަރުވާގެ ކަންކަން މިހާރަށްވުރެ ރަނގަޅަށް އިންތިޒާމުކުރުމަށް ކަމާ ގުޅުންހުރި މިނިސްޓްރީތަކާއި ކުންފުނިތަކުގެ ބޭފުޅުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.
އޮންލައިންކޮށް މިއަދު ހަވީރު ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ދިމާވާ ސިއްހީ ކުއްލި ހާލަތްތަކުގައި ފަރުވާދިނުމުގައި މިހާރު ކުރިމަތިވާ ދަތިތައް ހައްލުކޮށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ވީހާވެސް ބާރު ސްޕީޑެއްގައި ހަރުދަނާގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުންނެވެ. ހާއްސަގޮތެއްގައި މާބަނޑު މީހުންނަށް ބޭނުންވާ ފަރުވާދިނުމުގައި ވީހާވެސް ހަރުދަނާ އަވަސް އިންތިޒާމުތަކެއް ހަމަޖެހިފައި އޮތުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އަތޮޅުތެރޭގައި ދިމާވާ އެކިއެކި ސިއްހީ ކުއްލި ހާލަތްތަކުގައި ފަރުވާގެ ކަންކަން އިންތިޒާމުކުރުމުގައި މިހާރަށްވުރެ ހަރުދަނާ އިންތިޒާމުތަކެއް ރާވައި، ކަމާބެހޭ ހުރިހާ ފަރާތްތަކުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުންވެސް ނައިބު ރައީސް މަޝްވަރާކުރެއްވިއެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދުދީދީއާއި އާސަންދަ ކުންފުންޏާއި އެސްޓީއޯގެ އިސްވެރިންގެ އިތުރުން ސިއްހީ ދާއިރާގެ ކަމާބެހޭ ބައެއް އިސްފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވެވައިގެންފައިވެއެވެ.
އެމެޖެންސީކޮށް ފަރުވާ ދޭންޖެހޭ ހާލަތްތަކުގައި ހަމަޖައްސަންޖެހޭ ހުރިހާ އިންތިޒާމުތައް ވީހާވެސް އަވަހަށް ހަމަޖެހޭނެގޮތަށް ކަންކަން ރޭއްވެވުމަށާއި ފެންވަރު ރަނގަޅު ހިދުމަތެއް ލިބޭނެގޮތަށް ވަސީލަތްތަކާއި އެހެނިހެން ކަންކަން ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހަމަޖެހިފައި ހުރިކަން ކަށަވަރުކުރެއްވުމަށް ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން ނައިބު ރައީސް އެދިވަޑައިގަންނަވާފައިވެއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި އެކި އިދާރާތަކުގެ އިސް ބޭފުޅުން ވަނީ މިހާރު ހިދުމަތްދިނުމުގައި ހުރި ދަތިތަކާއި ކަންކަން ހަރުދަނާކޮށް، ރަނގަޅުކުރުމަށް އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތްތައް ހިއްސާކުރައްވައި އެކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން މިހާރު ހުރި މައްސަލަތައް ހައްލުކޮށް އަވަސްފަރުވާގެ ކަންކަން ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރަމުން ގެންދިއުމުގެ މުހިންމުކަން ބައްދަލުވުމުގެ ބައިވެރިންވެސް ވަނީ ފާހަގަކުރައްވައިފައެވެ.