ކުރިމަތިވެފައިވާ ކޮވިޑް 19ގެ ބަލިމަޑުކަމުގެ ވަބާއިން ހަނދާންކޮށްދޭ އެއްކަމަކީ ވެއްޓަށް ދިވެހިން ބަރޯސާވާންޖެހިފައިވާ މިންވަރު ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ، ދިވެހިން ދިރިތިބުމާއި ދިރިތިބުމަށްޓަކައި ކާނާއާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް ބިނާވެފައިވަނީ ދުނިޔޭގެ ތަބީއަތުގެ މައްޗަށް ކަމަށެވެ.
އެގޮތުން ދިވެހިންނަށް ބޭނުންވާ އިގުތިސާދީ ކުރިއެރުމާއި ކާބޯތަކެތި ހޯދުމުގައި ބަރޯސާވަނީ ވަށައިގެންވާ މުރަކަ ފަރުތަކާއި ސާފު ކަނޑުތަކުން ފޯރުކޮށްދޭ ގުދުރަތީ މުއްސަނދިކަމާއި ހިދުމަތްތަކުގެ މައްޗަށް ކަމަށާއި އަދި ފަތުރުވެރިކަމާއި މަސްވެރިކަން ބިނާވެފައިވަނީ ވެސް ކަނޑުގެ ދިރުންތަކުގެ ދެމެހެއްޓެނެވިކަމުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ސާފު ބޯފެން ހޯދުމަށާއި އަތިރިތައް ގިރައިގެން ދިޔަނުދީ ދެމެހެއްޓުމަށާއި ވެލި އުފެދޭކަން ކަށަވަރުކުރަމުންދިއުމަށް އަދި ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމުގައި ބަރޯސާވަނީ ވެށީގެ ދިރުންތަކަށާއި ކަނޑުން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައްޗަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވެއްޓަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ނުހަނު އަގުހުރި ތަރިކައެކެވެ. އެހެންކަމުން އެ ތަރިކަ އަޅުގަނޑުމެން ހިމާޔަތް ކުރަންޖެހޭނެއެވެ. އަޅުގަނޑުމެންގެ ހުރިހައި ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރުމުގައި ވެސް ވެއްޓަށް ކަތާ މިންވަރެއްގައި ކަންކުރާކަން ކަށަވަރުކުރަމުން ގެންދަންވާނެއެވެ. އަދި ގުދުރަތީ މުއްސަނދިކަން ހަރުދަނާގޮތެއްގައި މެނޭޖުކޮށް ދެމެހެއްޓެނިވި އިގުތިސާދީ ތަރައްގީއަށް އެހީތެރިވެދޭންޖެހޭނެއެވެ،" މިނިސްޓަރު ހުސެއިންގެ ހިތާބުގައިވެއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ޖަޒީރާ މާހައުލުގެ ނިޒާމުތައް ދެމެހެއްޓުމަށްޓަކައި ފަރުދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ރަށުފެންވަރުގައާއި ގައުމީ ފެންވަރުގައި އަޅާފިޔަވަޅުތައް އެޅުމުގައި ފަރުދީ ގޮތުން ބައިވެރިވުމަކީ ދިވެހިންގެ ޒިންމާއެއް ކަމަށެވެ.
ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ވަބާއިން ދިވެހިންނަށް ހަނދާކޮށްދޭ އެއްކަމަކީ ވެސް ވެއްޓަށް ބަރޯސާވާންޖެހިފައިވާ މިންވަރުކަމަށާއި އެހެންކަމުން މިއީ ވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާއެކު ދުނިޔޭގެ ތަބީއަތުގެ މަސަލަސްކަން ނުގެއްލޭ ގޮތެއްގެ މައްޗަށް ދިރިއުޅުން އަލުން އާރާސްތުކޮށް ކުރިއަށްވުރެ މޮޅަށް ބިނާކުރުމަށް ލިބޭ ފުރުސަތަކަށް ހެދުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.
މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ "ޓައިމް ފޮ ނޭޗާ" ނުވަތަ ދުނިޔޭގެ ތަބީއަތާމެދު ވިސްނައި ގޮތް ނިންމުމުގެ ވަގުތެވެ. މި ޝިއާރު އަމާޒު ކުރެވެނީ، އިންސާނީ ތަރައްގީ އާއި ދުނިޔޭގެ ދިރުންތައް އަށަގަންނުވައި ދެމެހެއްޓުމުގައި ދުނިޔޭގެ ތަބީއަތު އަދާކުރަމުން އަންނަ މުހިންމު ދައުރުގެ މައްޗަށެވެ.