ޚަބަރު

ވެންޓިލޭޓަރު އުފެއްދި އަޝްހަމަށް ފެނަކައިން ވަޒީފާގެ ފުރުސަތު!

އަލީ ޔާމިން

އެންމެ ހަތް ދުވަހުގެ ތެރޭގައި ވެންޓިލޭޓަރެއް އުފެއްދި ށ. ގޮއިދޫ، އުމުރުން 19 އަހަރުގެ އަހުމަދު އަޝްހަމަށް ފެނަކަ ކޯޕަރޭޝަނުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ދީފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އަޝްހަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ފޯނުން ގުޅުއްވައި، މަރުހަބާ ދަންނަވާފައިވާ ކަމަށެވެ. އަދި މުސްތަގުބަލަށް ހިތްވަރުދެއްވައި ފެނަކައިގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު އެރުވި ކަމަށެވެ.

"ވަން"އަށް މައުލޫމާތުދެމުން އަޝްހަމް ބުނީ ފެނަކައިގެ އެމްޑީ ސައީދު އޭނާއަށް ގުޅީ ރޭގެ ވަގުތެއްގައި ކަމަށާއި ފެނަކައިން ވަޒީފާ ބޭނުންނަމަ އެކަމަށް ހުށަހެޅުމަށް އެދިފައިވާ ކަމަށެވެ.

"ސައީދު ވިދާޅުވީ، ފެނަކައިން ވަޒީފާއެއް ބޭނުންވިއްޔާ ވަޒީފާއަށް އެދުމަށްފަހު އަންގާލަދެއްވާށޭ. ވަކި ދާއިރާއެއް ނުބުނޭ. އަޅުގަނޑު ބުނިން އާއިލާއާ ވާހަކަދައްކާފައި ކަމަށް ގޮތެއް ނިންމާނީ." އަޝްހަމް ބުންޏެވެ.

އަޝްހަމް ބުނީ މިދުވަސްވަރު ބޮޑަށް ވިސްނުން ހުރީ ކިޔެވުމަށް ކަމަށެވެ. އަޝްހަމް އެންމެ ވާން ބޭނުންވަނީ ޕައިލެޓަކަށެވެ. ނަމަވެސް އެކަމަށް މާލީ ދަތިކަން ހުރުމުގެ ސަބަބުން އަދި ކިޔެވުން ފެއްޓިފައިނުވާ ކަމަށް އަޝްހަމް ބުނެފައިވެއެވެ.

އުމުރުން 19 އަހަރުގައި ވެންޓިލޭޓަރެއް އުފެއްދުމުން އަޝްހަމް ވެގެން ގޮސްފައިވަނީ ރާއްޖޭގައި ވެންޓިލޭޓަރެއް އުފެއްދި އެންމެ ހަގު މީހާއަށެވެ.