އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރެއްގެ ގަޔަށް އަތްލައި އޭނާއަށް އަނިޔާއެއްވާނެ ގޮތަކަށް އަމަލުކުރުމަކީ މެންބަރަކަށް ލިބިގެންވާ އިމްތިޔާޒެއް ނޫން ކަމަށާއި އެއީ ޖިނާއީ ކުށެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ކައުންސިލް މެންބަރުންގެ ދައުރު އިތުރުކުރުމަށްޓަކައި، ގާނޫނު އަސާސީ އިސްލާހުކުރުމަށް މިދިޔަ ހޯމަ ދުވަހުގެރޭ ދަންވަރު، ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި އިދިކޮޅު ޕީޕީއެމްގެ މެންބަރު، ނައިފަރު ދާއިރާގެ މެންބަރާއި އެމްޑީޕީގެ މެންބަރުންނާ ދެމެދު ވަނީ ހަމަނުޖެހުންތަކެއް ހިނގައިފައެވެ. އަދި އެ ހާދިސާގައި ޝިޔާމަށް އަނިޔާވެ އެ މައްސަަލަ ވަނީ ފުލުހުންނަށްވެސް ހުށަހަޅައިފައެވެ.
އެ ރޭ މައްސަލަ ގޯސްވީ، ކައުންސިލަރުންގެ ދައުރު އިތުރުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލުުގެ މަސައްކަތް ފެށުމުން، އެއީ ގަވައިދާ ހިލާފަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ވިދާޅުވެ ޝިޔާމް މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވަން ފެއްޓެވުމުން ރިޔާސަތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ޝިޔާމުގެ ނަން އިއްވަވައި ޖަލްސާއިން ނުކުންނަން އެންގެވުމުންވެސް ޝިޔާމު ޖަލްސާއިން ނުކުތުމަށް ދެކޮޅު ހެއްދެވުމުންނެވެ.
އެކަމާ ގުޅިގެން ޝިޔާމް ޖަލްސާއިން ނެރުމަށް މަޖިލިސް ރައީސް، މަޖިލީހުގެ ސާޖަންޓް އެޓް އާމްސް މުހައްމަދު ހަލީމަށް އެންގެވިއެވެ. ނަމަވެސް ޝިޔާމް ޖަލްސާއިން ނުކުންނަވަން ގަދަހެއްދެވުމުން ވީޑިއޯއިން ފެންނަ ގޮތުގައި ޖަލްސާގައި ތިބި އެމްޑީޕީގެ މެންބަރުން ވަނީ ސާޖަންޓް އެޓް އާމްސްއަށް ޝިޔާމް ޖަލްސާއިން ނެރުމަށް އެހީތެރިވެދީފައެވެ.
އެ މައްސަލައާ ގުޅިގެން ބައެެއް ފަރާތްތަކުން ވާހަކަދައްކާފައިވަނީ އެއީ މަޖިލިސް މެންބަރުންނަށް ލިބިގެންވާ އިމްތިޔާޒެއްގެ ގޮތަށެވެ.
އެ މައްސަލަ އިދިކޮޅު ޕީޕީއެމުން މިހާރު ފުލުހުންނަށް ހުށަހަޅާފައިވާތީ، އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެފައިވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަކީ ގަވައިދާ ހިލާފަށް ކޮށްފައި އޮތް ކަަމެއް ކަމަށާއި އެކަމަށް ހައްލު ގެންނަން ޖެހޭނީ މަޖިލީހުން ކަމަށެވެ. އެކަމަށްޓަކައި މަޖިލީހުގެ އިމްތިޔާޒު ކޮމިޓީ އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އެރޭ، ޝިޔާމު ޖަލްސާއިން ނެރުމަށް އެމްޑީޕީ މެންބަރުން ކުރި މަސައްކަތަށް އާޒިމް ވަނީ ތައުރީފު ކުރައްވައިފައެވެ.
އަލީ އާޒިމް ވިދާޅުވީ މަޖިލީހުގައި ހިންގާ ކަންކަން ހައްލު ކުރާނީ މަޖިލިސް މެންބަރުން ކަމަށެވެ. އަދި އެމްޑީޕީއަށް މަޖިލީހުގެ 65 ގޮނޑި ރައްޔިތުން ދީފައިވަނީ އެކަންކަން ހައްލުކުރަން ކަަމަށްވެސް އަލީ އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އެރޭގެ ހަމަނުޖެހުުންތަކާ ބެހޭ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ނިޒާމަށް ހުރަސްއަޅައި ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުތަކުގެ ތެރެޔަށް އަރައިގަތުމުގެ ވިސްނުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ހުރެގެން ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވެސް ވަނީ ވިދާޅުވެފައެވެ.
ހަސަން ލަތީފުގެ ވާހަކައަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ތާއީދު ކުރައްވައިފައެވެ.
އެ ވާހަކަތަކާ ގުޅިގެން ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ރީކޯ މޫސާ މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މެންބަރަކަށް މަޖިލިސް ތަޅުމުގައި އިމްތިޔާޒު ލިބެނީ ހުށަހެޅިފައިވާ މައްސަލައިގައި ފެންނަގޮތަކަށް ބަހުސް ކުރުމާއި ފެންނަގޮތަކަށް ވޯޓުދިނުމަށް ކަމަށެވެ.
އެއްވެސް ހާލެއްގައި މެންބަރެއްގެ ގަޔަތް އަތްލައި އޭނާއަށް އަނިޔާއެއްވާ ގޮތަކަށް އަމަލުކުރުމަކީ އިމްތިޔާޒެއް ނޫން ކަމަށްވެސް މޫސަ ވިދާޅުވިއެވެ.
ހަސަން ލަތީފުގެ ވާހަކައަށް މަޖިލިސް ރައީސް، ރައީސް ނަޝީދު ތާއީދުކޮށްފައިވާ މައްސަލައަށް އިޝާރާތް ކުރައްްވައި މޫސަގެ ޓުވީޓުގައި ވިދާޅުވެފައިވަނީ، "އަށެއް ފެބްރުއަރީގައި ތިބޭފުޅާ (މުހައްމަދު ނަޝީދު) އަށް އަނިޔާ ލިބުނަ ނުދޭން އަށްޑައަކަށްވީތީ އަޅުގަނޑު ތަޅާ ޗިސްކުރީ. ދުވަހަކުވެސް ހިތަކަށް ނާރާ އެއްވެސް އިންސާނެއްގެ ނަފުސަށް ބަޔަކު ކުޑަވެސް އަނިޔާއެއް ދޭއިރު އެކަން ނުހުއްޓުވައި އެކަމަށް ފޯރިދޭން ހުރެދާނެ ކަމަކަށް،" މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވެފައިވަނީ މަޖިލިސް މެންބަރެއްގެ ނަން އިއްވުމުން އެ މެންބަރު، ޖަލްސާއިން ބޭރަށް ނުދާނަމަ މަޖިލިސް މެދުކަނޑާލައި، އެ މެންބަރަކު ތަޅުމުން ނެރެންޖެހޭނީ ސެކިއުރިޓީން ލައްވައި ކަމަށެވެ. އެއާ ހިލާފަށް ރިޔާސަތުން އެހެން މެންބަރުންނަށް އަންގައިގެން މެންބަރުން ލައްވައި އެއްވެސް މެންބަރަކު ތަޅުމުން ބޭރުކުރުމަކީ ހުއްދަކަމެއް ނޫން ކަމަށާއި އެފަދަ އަމަލެއްކުރުމަކީ ކުށެއް ކަމަށްވެސް މޫސަ ވިދާޅުވެފައިވެއެވެ.