ޚަބަރު

ނުހިފޭ ރޯދަތަކަށް ކައްފާރާ ދިނުމަށް ފަސޭހަ ގޮތެއް އެހީ ޖަމިއްޔާއިން ތައާރަފުކޮށްފި

މަރިޔަމް ޝަހުދާ

އެކި ސަބަބުތަކާ ހުރެ ފާއިތުވި ރަމަޟާން މަހު ނުހިފޭ ރޯދަތަކަށް ކައްފާރާ ދިނުމަށް ފަސޭހަ ގޮތެއް އެހީ ޖަމިއްޔާއިން ތައާރަފުކޮށްފިއެވެ.

އެހީ ޖަމިއްޔާއިން މައުލޫމާތު ދިން ގޮތުގައި އެ ޖަމިއްޔާއިން "ކޮވިޑް އިޖާބަ"ގެ ނަމުގައި ތައާރަފު ކުރި މި ޕްރޮޖެކްޓަކީ ކައްފާރާ ދިނުމުގެ ކަންތައްތަކުގައި އަމަލުކުރާނެ އެންމެ ފަސޭހަ އަދި އެންމެ ލުއި ގޮތެއްގެ އިންތިޒާރުގައި ތިބި މީހުންނަށް ލިބިގެންދާނެ ބޮޑު ފަސޭހައެކެވެ.

އެގޮތުން މި ޕްރޮޖެކްޓަކީ އެހީ ޖަމިއްޔާގެ އިތުރުން ވެލްނެސް އެސޯސިއޭޝަން އަދި އެކްސްޕެކްޓް ސަޕޯޓް ވައިބާ ކޮމިއުނިޓީ (ބައި ރީނާ) ގުޅިގެން ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި އުޅޭ ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްދާ ޕްރޮޖެކްޓުތަކުގެ ތެރެއަށް އިތުރުވި އިތުރު ބޮޅޭއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އެހީ ޖަމިއްޔާ އިން މައުލޫމާތު ދިން ގޮތުގައި "ކޮވިޑް އިޖާބަ" ޕްރޮޖެކްޓުގެ ދަށުން އެހީއަށް ބޭނުންވެފައިވާ ބިދޭސީއެއްގެ ތިން އިރުގެ ކޮއްތު ހަމަޖައްސައިދިނުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި ބިދޭސީއަކަށް ތިން އިރުގެ ކޮއްތު ހަމަޖައްސައިދިނުމުގެ ޕެކޭޖުގެ ޖުމުލަ އަދަދަކީ 75 ރުފިޔާ ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.

އެ ޖަމިއްޔާ އިން ބުނީ މިއީ ނުހިފޭ ރޯދަތަކުގެ ކައްފާރާގެ ގޮތުގައި ކޮއްތު ދޭން ބޭނުން މީހުންނަށް ރަނގަޅު ފުރުސަތެއް ކަމަށާއި ކައްފާރައިގެ ގޮތުގައި ކޮއްތު ފައިސާ ދޭން ބޭނުންވާ މީހުންނަށް އެހީ ޖަމިއްޔާގެ އެކައުންޓު ނަންބަރު 7770000014820 އަށް ފައިސާ ޖަމާކުރެވޭނެ ކަމަށެވެ. އަދި ފައިސާ ޖަމާކުރުމަށްފަހު ރަސީދު ކޮޅު އެ ޖަމިއްޔާގެ ވައިބާ ނަންބަރު 7803433 އަށް ފޮނުމުވަށް އެ ޖަމިއްޔާއިން އެދިފައިވެއެވެ.

މީގެ ކުރިން އެހީ ޖަމިއްޔާ އާއި ވެލްނެސް އެސޯސިއޭޝަން އަދި އެކްސްޕެކްޓް ސަޕޯޓް ވައިބާ ކޮމިއުނިޓީ (ބައި ރީނާ) ގުޅިގެން "ކޮވިޑް އިޖާބަ" ޕްރޮޖެކްޓުގެ ދަށުން ވަނީ ފުރަބަންދުގެ ހާލަތާ ގުޅިގެން ހާލުގައި ޖެހިފައިވާ އާއިލާތަކަށާއި ބިދޭސީންނަށް ކާބޯތަކެތީގެ ޕެކޭޖުތައް އަދި ކާބޯތަކެތީގެ ޕާރުސަލްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފައެވެ. އަދި މިހާރުވެސް އެ މަސައްކަތް ކުރިއަށް ގެންދަމުން އަންނަ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ތިން ޖަމިއްޔާއެއް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓަކީ ވަރަށް ކާމިޔާބު ޕްރޮޖެކްޓެއް ކަމަށް އެހީ ޖަމިއްޔާއިން މައުލޫމާތުދެއެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން ކޮވިޑް 19ގެ ހާލަތާ ގުޅިގެން އެހީއަށް ބޭނުންވެފައިވާ ގިނަ އާއިލާތަކަކަށާއި ގިނަ އަދަދެއްގެ ބިދޭސީންނަށް މިހާރުވެސް އެހީތެރިކަން ފޯރުކޮށްދެވިފައިވާކަން އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.