ރައީސް މުހައްމަދު ނަޝީދު

އިމްރާނާ ގުޅޭގޮތުން ހަސަން ލަތީފް ދެއްކެވި ވާހަކަޔަށް ރައީސް ނަޝީދު ތާއީދު!

ރައްޔިތުންގެ މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުތަކުގެ ތެރެޔަށް އަރައިގަތުމުގެ ވިސްނުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ހުރެގެން ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވައިފިއެވެ.

ހަސަން ލަތީފުގެ އެ ވާހަކަޔަށް މަޖިލިސް ރައީސް ތާއީދު ކުރެއްވިކަން ހާމަ ކުރައްވާފައިވަނީ، އެހެން ވިދާޅުވެ، ހަސަން ލަތީފް ކުރެއްވި ޓުވީޓް ރީޓުވީޓް ކުރައްވައިގެންނެވެ.

ނަމަވެސް ހަސަން ލަތީފް ޓުވީޓް ރީ ޓްވީޓް ކުރެއްވުމުގެ އިތުރުން މަޖިލިސް ރައީސް އެއްވެސް ވާހަކަފުޅެއް މިކަމުގައި ވިދާޅުވެފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުތަކުގެ ތެރެޔަށް އަރައިގަތުމުގެ ވިސްނުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ހުރެގެން ނުވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވީ، ގާނޫނު އަސާސީ އިސްލާހުކުރުމަށް މިދިޔަ ހޯމަ ދުވަހުގެރޭ ދަންވަރު، ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި، އިކޮޅު ޕީޕީއެމްގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރާއި، އެމްޑީޕީގެ މެންބަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާ ގުޅިގެންނެވެ.

ހަސަން ލަތީފްގެ ޓުވީޓްގައި ވިދާޅުވީ، "ރައްޔިތުންގެ ކުޑަވެސް ތާއީދެއް އެއްވެސް ދާއިރާއަކުން އަދާލަތު ޕާޓީއަށް ލިބި މަޖިލީހުގެ އެންމެ ގޮނޑިއެއްގެ މިންވަރުވެސް ކާމިޔާބު ކުރެވިފައި ނުވިނަމަވެސް، މަޖިލީހުގެ ނިޒާމަށް ހުރަސް އަޅަައި މަޖިލީހުގެ އިންތިޒާމް ތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ޝައިހު އިމްރާން ގެ ހުރެގެން ނުވާނެ،" ކަމަށެވެ.

ހޯމަ ދުވަހުގެރޭގެ ޖަލްސާގައި މައްސަލައ ގޯސްވީ، ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލުުގެ މަސައްކަތް ފެށުމުން، އެއީ ގަވާއިދާ ހިލާފަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ވިދާޅުވެ ޝިޔާމް މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވަން ފެއްޓެވުމުން، ރިޔާސަތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ޝިޔާމުގެ ނަން އިއްވަވައި ޖަލްސާއިން ނިކުންނަން އެންގެވުމުންވެސް ޝިޔާމު ޖަލްސާއިން ނިކުތުމަށް ދެކޮޅު ހެއްދެވުމުންނެވެ.

އެކަމާގުޅިގެން ޝިޔާމް ޖަލްސާއިން ނެރުމަށް، މަޖިލިސް ރައީސް، މަޖިލީހުގެ ސާޖަންޓް އެޓް އާމްސް މުހައްމަދު ހަލީމު އަށް އެންގެވިއެވެ. ނަމަވެސް ޝިޔާމް ޖަލްސާއިން ނިކުންނަވަން ގަދަހެއްދެވުމުން، ޝިޔާމް ޖަލްސާއިން ނެރުނީ، ވީޑިއޯއިން ފެންނަ ގޮތުގައި ޖަލްސާގައި ތިބި އެމްޑީޕީގެ މެންބަރުން ސާޖަންޓް އެޓް އާމްސްއަށް އެހީތެރިވެދީ ޝިޔާމުގެ ގައިގައި އަޅައި ކޮއްޕަމުންނެވެ.

އެހާދިސާއާ ގުޅިގެން އިދިކޮޅު މެންބަރުން ވިދާޅުވަނީ، ޝިޔާމް ނެރުމަށް އެމްޑީޕީ މެންބަރުން މަސައްކަތް ކޮށްފައިވަނީ، މަޖިލިސް ރައީސްގެ އެނެގެވުމަކަށް ކަމަށެވެ. އެރޭ އެމްޑީޕީ މެންބަރުން ކޮއްޕަމުން ޝިޔާމު ނެރުމަށް މަސައްކަތްކުރިއިރު، ރިޔާސަތުގެ ގޮނޑި ދޫކޮށްލެއްވުމަށްފަހު، މަޖިލިސް ރައީސް އިދާރީ މޭޒާ ދިމާލުގައި ޖަހާފައި ހުރި ހުރަސް ކައިރިއަށް ވަޑައިގެން އިނގިލި ދިއްކުރައްވައި އަތްޕުޅުން ޝިޔާމް ޖަލްސާއިން ނެރުމަށް އިޝާރާތް ކުރައްވާ ކަހަލަ ހަރަކާތްތަކެއް ކުރައްވާތަން ވެސް ފެނެއެވެ.

އެ ހަމަނުޖެހުމުގައި މަޖިލިސް ބައެއް މެންބަރުންނަށް އަނިޔާވި ކަމަށް އެ މެންބަރުން ވިދާޅުވެފައި ވެއެވެ.

އެގޮތުން ޝިޔާމްގެ މޭކަށިގަނޑުގައި ރެނދުލާފައިވާ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ ޕީޕީއެމުން ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ.

ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައާ ބެހޭގޮތުން ރޭ ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ މަޖިލިސް ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުން ފުލުހުންނާ ހިސާބަށް މިހާރު ގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލަ އިންސާފުވެރިކަމާ އެކު ބަލައި އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށާއި އެއީ ފުލުހުންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެމްޑީޕީން ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުން ކުރާ ކަންތައްތައް ބަލައި ފިޔަވަޅު އެޅުމުގެ އިންތިޒާމު މަޖިލިސް ތެރޭގައި ހަމަޖެހިފައިވާ ކަމަށެވެ. އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، މަޖިލިސް ތަޅުމުގައި ހިނގައިދިޔަ ހާދިސާގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަކީ، މަޖިލިސް ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

އެ މައްސަލަ މަޖިލީހުން ބޭރަށް ނެރެގެން ނުވާނެ ކަމަށާއި، މަޖިލީހުގައި އެކަމަށް އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.

މަޖިލިސްގެ މެންބަރުންގެ ކަންތައްތައް ބެލުމަށް ޓަކައި އިމްތިޔާޒުގެ ކޮމިޓީގެ ނަމުގައި މަޖިލީހުގައި ކޮމިޓީއެއް އޮވެއެވެ.