ޚަބަރު

ތިމާވެށި އަދި ދިރޭތަކެތީގެ ނަސްލު ހިމާޔަތް ކުރުމުގައި މިސަރުކާރު ދެމިއޮންނާނެ: ރައީސް

އައިދާ އަބްދުލް ހަކީމް

ދިރޭތަކެތީގެ ނަސްލު ހިމާޔަތް ކުރުމުގެ މުހިންމު މައިގަނޑު ކަންކަމަށް ސަމާލުކަން ދިނުން މުހިންމު ކަމަށާއި އަދި އެކަން ކުރުމުގައި މިސަރުކާރު ދެމިއޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުން އަންނަ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް 19 އިން އަރައިގަންނަމުން އަންނައިރު ދުނިޔޭގެ ތިމާވެއްޓަށް މިދަނޑިވަޅުގައި ކޮންމެހެންވެސް ކުރަންޖެހޭ ކަމަކީ ގުދުރަތީ ތިމާވެށި އަދި ދިރޭތަކެތީގެ ނަސްލު ހިމާޔަތް ކުރުން ކަމަށެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޔާރަކީ "ޓައިމް ފޯ ނޭޗަރ" އެވެ. ތިމާވެށީގެ މުހިންމު ކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، ދުނިޔޭގެ އެކި ގައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ސަމާލުކަން އިތުރުކޮށް، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ފުރުސަތު ހޯދައިދިނުމަށް އދ. އިން މި ދުވަސް ފާހަގަ ކުރާތާ 46 އަހަރު ވެއްޖެ އެވެ.