ޚަބަރު

މައުލޫމާތު ހޯދަން ހުށަހަޅުމުން އަވަހަށް އިޖާބަ ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު އެދިވަޑައިގެންފި

އައިދާ އަބްދުލް ހަކީމް

ސަރުކާރުގެ މުއައްސަސާތަކުން މައުލޫމާތު ހޯދަން ހުށަހަޅާ މައްސަލަތަކަށް ވީހާ އަވަހަށް އިޖާބަ ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް މޫސާ މުއައްސަސާތަކުގެ ކިބައިން އެދިވަޑައިގެންފި އެވެ.

ކޮމިޝަނަރު ފިޔާޒު ސޮއި ކުރައްވައި ނެރުއްވި އެންގުމެއްގައި ވިދާޅުވީ މޭ 31 ވަނަ ދުވަހުން ފެށިގެން ޖޫން 11 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތްތައް ހުޅުވުމަށާއި އިދާރާތަކުން ކުރަން ޖެހޭ މަސައްކަތްތައް، ވަޒީރު ނުވަތަ އެއިދާރާއެއްގެ އެންމެ އިސް ވެރިޔަކު ކަނޑައަޅުއްވާ ގޮތަކަށް ކުރިޔަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ، ކޮންމެހެން ކުރަން ޖެހޭ މަސައްކަތުގެ ތެރޭގައި ގާނޫނު އަސާސީގެ 39 ވަނަ މާއްދާއިން ދިވެހިރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާއި ގުޅުންހުރި މަސައްކަތްތައް ހިމެނުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިހާރު ކުރިމަތި ވެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގޮންޖެހުންތަކެއް ހުންނާނެ ކަމަށާއި ނަމަވެސް ހެޔޮ ހިންގުމުގެ ނިޒާމެއްގެ އަދި ނަޒާހަތްރި ދައުލަތެއްގެ އެންމެ މުހިންމު ސިފަޔަކީ ހާމަކަން ބޮޑުވުމާއި މައުލޫމާތު ދިނުމާއި އިދާރާތަކުގައި ހުރި މައުލޫމާތު ތަކަށް ރައްޔިތުންނަށް ވާސިލު ވެވުން ކަމަށެވެ. އެހެން ނޫން ނަމަ ނިންމާ ނިންމުންތަކާއި ކުރާ ހަރަދާއި މެދު ރައްޔިތުންގެ އިތުބާރެއް ނޯންނާނެކަމަށާއި ހިޔާނާތާއި ފަސާދައިގެން ދޮރުތައް ބަންދު ނުވާނެ ކަމަށް ވެސް ފިޔާޒް ވިދާޅުވިއެވެ.

ހާއްސަކޮށް މިފަދަ ކުއްލި ހާލަތެއްގައި ދައުލަތުގެ އިދާރާތަކަށާއި ވެރިންނަށް ލިބޭނެ އެންމެ ބޮޑު ރައުސުލްމާލަކަށް ވާނީ ރައްޔިތުންގެ އިތުބާރުކަމަށާއި އެކަން ހާސިލް ވާނީ ހާމަކަން ބޮޑުވެ، އަދި ރައްޔިތުންނަށް، ރައްޔިތުންގެ މައުލޫމާތުތައް ވާސިލުވެވިގެންކަމަށެވެ.

އެގޮތުން މައުލޫމާތު ހޯދަން ހުށަހަޅާ މައްސަލަތަކަށް ވީހާ އަވަހަށް އިޖާބަ ދީ ހުރިހާ މުއައްސަސާތަކުންވެސް މިމަގަށް ކަންކަން ކޮށްދެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ކޮމިޝަނަރު ވަނީ އަންގަވައިފައެވެ. އަދި މައުލޫމާތު ހޯދުމަށް ހުށަހަޅާފައި ހުރި ބައެއް މައްސަލަތަކާއި، މައުލޫމާތު ދޫކުރުމަށް ނިންމާފައިވާ ބައެއް މައްސަލަތަކުގެ މައުލޫމާތު ފުރިހަމަކޮށް މައުލޫމާތު ދޫކުރުމަށް ވެސް ކޮމިޝަނަރުވަނީ އަންގަވައިފައެވެ.