ޚަބަރު

މިތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ހާއްސަ ވައިބަރު ސްޓިކާ ޕެކެއް ތައާރަފުކޮށްފި

އައިދާ އަބްދުލް ހަކީމް

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި އެންވަޔަރަންމަންޓު މިނިސްޓްރީން ހާއްސަ ވައިބަރު ސްޓިކާ ޕެކެއް ތައާރަފުކޮށްފިއެވެ.

އެ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިއީ މިފަދަ ގޮތަކަށް ތައާރަފްު ކޮށްފައިވާ ފުރަތަމަ ވައިބަރު ސްޓިކާ ޕެކެވެ. އަދި ވައިބާއަކީ ދިވެހިންގެ މެދުގައި މަގުބޫލު، އަދި ގިނަ އަދެދެއްގެ ދިވެހީން ބޭނުންކުރާ އެޕްލިކޭޝަނެއްކަން އެމިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އެ މިނިސްޓްރީން ބުނީ ތައާރަފުކޮށްފައިވާ ވައިބާ ސްޓީކާ ޕެކުގައި، ހަކަތައާއި، ފެނާއި، ކުނި ނޭޅުމުގެ އިތުރުން ތިމާވެށްޓާއި ގުޅޭ އެކި މެސެޖުތައް ހިމެނޭ ކަމަށެވެ. އަދި މި ވައިބާ ސްޓިކާ ޕެކް ބޭނުންކުރުމަށް https://stickers.viber.com/pages/custom-sticker-packs/11ea9b84774dcc3ab1556fd199151d88cf7d2a6e0cfd986av13 ލިންކު ނުވަތަ ކިއުއާރު ކޯޑު ބޭނުންކޮށްގެން އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކަށް ޑައުންލޯޑް ކުރުމަށްފަހު ބޭނުން ކުރެވޭނެކަމަށެވެ.

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ދިމާވެފައިމިވަނީ ކޮވިޑް 19 ގައި ސަބަބުން ގައިދުރުކުރުމާއި ފުރަބަންދުގައި ގިނަ ރައްޔިތުން ތިބި ދުވަސްވަރަކާ ކަމުން މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ހުރިހާ ހަރަކާތްތައް ކުރިޔަށް ގެންދަނީ މީސްމީޑިއާ މެދުވެރިކޮށް ކަމަށް ވެސް އެންވަޔަރަންމަންޓު މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޔާރަކީ "ޓައިމް ފޯ ނޭޗަރ" އެވެ އަދި މިއަހަރު އަލިއަޅުވާލުމަށް ނިންމާފައިވަނީ ދިރޭތަކެއްޗަށެވެ. ތިމާވެށީގެ މުހިންމު ކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، ދުނިޔޭގެ އެކި ގައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ސަމާލުކަން އިތުރުކޮށް، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ފުރުސަތު ހޯދައިދިނުމަށް އދ. އިން މި ދުވަސް ފާހަގަ ކުރާތާ މިވީ 46 އަހަރެވެ.