ކޮވިޑް 19 ގެ ބަލިމަޑުކަމުން އަރައިގަނެ ނިއު ނޯމަލްއަކަށް ދާއިރު، އަޅުގަނޑުމެންގެ ދުވަހުން ދުވަހުގެ ދިރިއުޅުމުގައިވެސް ތިމާވެއްޓާ ރައްޓެހިގޮތްތައް ހިޔާރުކުރުމަށް އަޒުމް ކަނޑައަޅައި ފަރުދީ ޒިންމާ އަދާކުރަން ޖެހޭކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.
މިއަދު ފާހަގަ ކުރަމުން އަންނަ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި އެމިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަހަރެމެންނަކީ ފަރުގެ ދަރިންކަމުގައި ވާހިނދު މިއީ އަހަރެމެންގެ އަމަލުތަކާއި ދިރިއުޅުމުގެ ވައްޓަފާޅި، ފަރުތަކާއި އެފަރުތަކާއި ގުޅިފައިވާ ގުދުރަތީ ނިޒާމްތަކަށް ވީހާވެސް ގެއްލުން ކުޑަ ގޮތަކަށް ބިނާކުރަން ވީ ވަގުތު ކަމަށެވެ.
އެގޮތުން އިސްރާފުކުރުވަނިވި ގޮތުގައި ގުދުރަތީ ވަސީލަތްތައް ބޭނުންކުރުމާއި ދުރުވެ، ގުދުރަތީ ވަސީލަތްތައް ބޭނުންކުރާއިރު، އޭގެ ސަބަބުން މުޅި މާހައުލީ ނިޒާމަށް ކުރާނެ އަސަރާއި މެދު ވިސްނުން ވަރަށް މުހިންމު ކަމަށެވެ. އަދި ގޭބިސީގައި ކުނި އުފެދޭ މިންވަރު މަދުކުރުމާއި މޫދަށް ކުނި އުކުން ފަދަ ނޭދެވޭ އާދަތައް ދޫކޮށްލަން ޖެހޭ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ބޭނުންވާ ވަރަށްވުރެ ގިނައިން އެއްޗެހި ނުގަތުމާއި އަލުން އެއްޗެހި ބޭނުންކުރުމާއި ތިމާވެށީގެ ދިފާއުގައި އަޑު އުފުލުން ފަދަ އާދަތައް އަށަގަންނަން ޖެހޭ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ކުރު މުއްދަތުގެ އިގްތިސާދީ ފައިދާ އާއި މަންފާއަށް ގުދުރަތީ ވެށި ގުރުބާންކޮށް ވެށި ހަލާކުވުމުން އެވެށި އަލުން އާރާސްތުކުރުމުގެ އުސޫލު ދޫކޮށްލައި، ގުދުރަތީ މާހައުލާއި ރައްޓެހި، މާހައުލުގެ ސަލާމަތްތެރިކަމަށް ވިސްނައިގެން އިގްތިސާދީ މަޝްރޫއުތަށް ރޭވުން މުހިންމު ކަމަށް ވެސް އެމިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.
މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޔާރަކީ "ޓައިމް ފޯ ނޭޗަރ" އެވެ. ތިމާވެށީގެ މުހިންމު ކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، ދުނިޔޭގެ އެކި ގައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ސަމާލުކަން އިތުރުކޮށް، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ފުރުސަތު ހޯދައިދިނުމަށް ޔުނައިޓެޑް ނޭޝަންސްއިން މި ދުވަސް ފާހަގަ ކުރާތާ 46 އަހަރޔ ވެއްޖެ އެވެ.
މިއަހަރުގެ ތިމާވެށީގެ ދުވަހުގެޝިއާރު " ޓައިމްފޮރނޭޗަރ" އާއިގުޅޭކުރެހުންތައް#WorldEnvironmentDayMv #ForNature މިހޭޝްޓެގްތަކާއިއެކު މީސްމީޑިއާއަށް ޕޯސްޓުތައް ލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިކަމަށް އާއްމުންގެ ބޮޑުތަރުހީބެއް ލިބެމުން އަންނަކަން އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.