ޚަބަރު

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ސިއްހީ އާލާތްތައް ހަރުކޮށް ނިންމައިފި

ކޮވިޑް 19އަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ތަރައްގީ ކުރި މެޑިކަލް ފެސިލިޓީގައި އެސްޓީއޯގެ ފަރާތުން ސިއްހީ އާލާތްތައް ހަރުކޮށް ނިންމާލައިފިއެވެ.

ކޮވިޑަށް ފަރުވާ ދިނުމަށް ސަރުކާރަށް ދޫކޮށްފައިވާ ޓްރީޓޮޕް ކުރިމައްޗަށް އޮންނަ ބިމުގައި ހެދި 300 އެނދުގެ މެޑިކަލް ފެސިލިޓީ ނިންމައި އެތަން އައިޖީއެމްއެޗާ ހަވާލުކުރީ މިދިޔަ މަހުގެ ތެރޭގައެވެ.

އެސްޓީއޯ އިން ބުނީ، އެތަނުގައި ސިއްހީ އާލާތްތައް އިންސްޓޯލްކޮށް ނިންމުމުގެ އިތުރުން ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ވެސް ފޯރުކޮށްދީފައިވާ ކަމަށެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީ ތަރައްގީކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ސިފައިންނާއި ފެނަކައިންނެވެ. އޭގެ އިތުރުން ވެސް ސަރުކާރު އަދި އަމިއްލަ ގިނަ ކުންފުނިތަކުން ބައިވެރިވިއެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތުން، އެތަން ހެދުމަށް ޖުމްލަ 40 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. އެއީ ކޮންސްޓްރަކްޝަން މަސައްކަތަށް 12 މިލިއަން ރުފިޔާ އާއި މެޑިކަލް އިކުއިޕްމަންޓް ހޯދުމަށް އިތުރު 28 މިލިއަން ރުފިޔާއެވެ.