ޚަބަރު

މާދަމާ ރޭ ހިފާ ހަނދުކޭތައާ ގުޅިގެން ކޭތަ ނަމާދުކުރުން މެންދަމު 12:15 ގައި

އަލީ ޔާމިން

މާދަމާ ރޭ ފަނޑު ހިޔަނީގައި ހަނދުކޭތައެއް ހިފާނެތީ، ރާއްޖޭގެ ރަށްރަށުގައި ކޭތަ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ، މާދަމާ ރޭ ރާއްޖޭގެ ގަޑިން 10:45 އިން ފެށިގެން ފަނޑު ހިޔަނީގެ ހަނދުކޭތައެއް ހިފާނެ ކަމަށާއި ހަނދުކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ، މާދަމާ ރޭގެ މެންދަމު 12:24 ގައެވެ. ހަނދު ހަނދުކޭތަ ވީއްލާނީ އެރޭ މެންދަމު 02:04 ގައި ކަމަށްވެސް މިނިސްޓްރީން ބުނެފައުވެއެވެ.

މީގެ އިތުރުން މިއީ ފަނޑުހިޔަނީގެ ކޭތަޔަކަށްވުމުން ކޭތަފާޅުވާނީ ވަރަށް ކުޑަކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިކޭތައާ ގުޅިގެން ކޮންމެ ރަށެއްގައިވެސް ހުންނަ އެންމެބޮޑު މިސްކިތުގައި ހޮނިހިރުވިލޭރޭގެ މެންދަމު 12:15 ގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށެވެ. އެހެންކަމުން އެރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި އެރޭ 12:15 ގައި ކޭތަނަމާދު ކުރެވޭނޭ އިންތިޒާމު ކައުންސިލް އިދާރާއިން ހަމަޖައްސައި ދިނުން އެދޭ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޭތަ ނަމާދުގެ ހުތުބާ މިރޭ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.