ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އަޅާފައިވާ ފިޔަވަޅުގެ ދަށުން، ސިވިލް ސާވެންޓުންގެ އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ބޮޑު ބަދަލެއް ގެނައީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅަން ނިންމާފައިވަނީ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަންގެ ސިވިލް ސާވިސް މުވައްޒަފުންގެ ފަރާތުން ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިންނެވެ.
ސަރުކާރުގެ މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ދޭ އުސޫލަށް ބަދަލު ގެނެސް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ސާކިއުލާއެއް ނެރުނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.
އެކަމާ ގުޅިގެން ޕީއައިއެލްސީން ނެރުނު ބަޔާނެއްގައި ބުނީ، ސީއެސްސީގެ ސާކިއުލާއާ ގުޅިގެން ފްރަންޓް ލައިންގައި މަސައްކަތްކުރާ ވަރަށް ގިނަ މުވައްޒަފުން އެކަމުގެ ކަންބޮޑުވުން އެ ޖަމިއްޔާއާ ހިއްސާކުރި ކަމަށެވެ. އެ ކަންބޮޑުވުންތަކާ ގުޅިގެން އެ ޖަމިއްޔާ އާއި މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަންއާ ގުޅިގެން ކުރެވުނު މަޝްވަރާތަކަށްފަހު އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
ޕީއައިއެލްސީން ބުނީ، ސިވިލް ސާވިސްގެ މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާއާބެހޭ ގޮތުން ފިނޭންސް މިނިސްޓްރީންނާއި ސީއެސްސީން އަންގާފައިވާ އެންގުމަކީ ވަޒީފާއާބެހޭ ގާނޫނުގެ 37 ވަނަ މާއްދާއާ ހިލާފު އެންގުމެއް ކަމަށެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ 37 ވަނަ މާއްދާގައި، ބުނެފައިވަނީ ވަޒީފާދޭ ފަރާތާއި މުވައްޒަފަކާ ދެމެދު ވެވޭ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން މެނުވީ މުވައްޒަފަކު ލައްވައި އިތުރު ގަޑީގައި މަސައްކަތް ކުރުވައިގެން ނުވާނެ ކަމަށެވެ. ނަމަވެސް މުވައްޒަފަކު ލައްވައި އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ އިތުރު ގަޑީގެ ފައިސާ ދޭންވާނެ ކަމަށް އެ ގާނޫނުގައި ބުނެއެވެ.
ޕީއައިއެލްސީން ބުނީ، ދައުލަތުގެ އިދާރާތަކުން ނެރޭ އަމުރުތަކާއި ނިންމުންތައް ހުންނަންވާނީ ގާާނޫނީ ނައްސުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި މުވައްޒަފުންނާ ގުޅޭ ދައުލަތުގެ އިދާރާތަކުން ނިންމާ ނިންމުންތައް ނިންމަންވާނީ އެ މުވައްޒަފުންގެ ހައްގަށް އުނިކަން ނާންނާނެ ގޮތުގެ މަތިން ކަމަށެވެ.
"ފްރޮންޓް ލައިންގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މިހާރުވެސް ދެމުންގެންދާ އުޖޫރައަކީ އެކަށީގެންވާ މިންވަރަށްވުރެ ކުޑަ އުޖޫރައެއް ކަމުގައިވާއިރު، އުޖޫރަ ބޮޑުކުރުމުގެ ބަދަލުގައި އިތުރު ގަޑީގައި މަސައްކަތް ކުރުމުން ލިބޭ އުޖޫރަ އިތުރަށް ކުޑަކޮށްލުމުން އެ މުވައްޒަފުން ކުރަމުން އަންނަ ބުރަ މަސައްކަތުގެ ބަދަލު ލިބިގެން އެދަނީ ވަރަށް ހިތިކޮށެވެ،" އެޖަމިއްޔާގެ ބަޔާނުގައި ބުނެފައި ވެއެވެ.
ބަޔާނުގައި އިތުރަށް ވަނީ މުވައްޒަފުންނަށް ހައްގުވާ އުޖޫރަ ދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ބުނެ ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރެއްވުމުގައި ސަރުކާރުން މިސާލު ދެއްކެވުމަށް ގޮވާލައިފައެވެ.