ޚަބަރު

ތަރައްގީގެ އެޖެންޑާއާ ގުޅޭގޮތުން ރައީސް ސޯލިހާއި ރައީސް ނަޝީދު މުލިޔާގޭގައި މަޝްވަރާ ކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރިޔާސީ ގެކޮޅު، މުލިޔާގޭގައި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ ތަރައްގީގެ އެޖެންޑާގައި އިސްކަންދޭންވީ ކަންކަމާއި ދާއިރާތަކާ ގުޅޭގޮތުން ކަމަށެވެ. އަދި ލަނޑުދަނޑިތައް ހާސިލުކުރުމަށް ރައްޔިތުންގެ މަޖިލީހަކީ ވަރަށް މުހިންމު ޕާޓްނަރެއް ކަމަށާއި ހުރިހާ ރައްޔިތުންނަށްޓަކައި ދެ ފަރާތުން މަސައްކަތްކުރާނީ އެކުގައި ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

މި ޓުވީޓް ރައީސް ނަޝީދު ވަނީ ރީޓުވީޓް ވެސް ކުރައްވައިފައެވެ. ނަމަވެސް ބައްދަލުވުމާ ގުޅޭގޮތުން ޓުވީޓެއް ކުރައްވައިފައެއް ނުވެއެވެ.

މުލިޔާގޭގެ ބޭރުގައި ސައިކަލެއްގައި އިން މީހަކާ ވާހަކަދައްކަވަން ތިއްބެވި ފޮޓޯއަކާއެކު ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމަނިކުފާނާއި ރައީސް ސޯލިހާ މަގުމަތިން ބައެއް ބޭފުޅުންނާ ދިމާވި ކަމަށެވެ.

އޭގެ ތެރެއިން މިދަތި އުދަނގޫ ހާލަތުގައި ވެސް ރޯމަސް ގަނެ، ޑެލިވަރީ ކޮށްދެއްވުމުގައި ދެމިތިއްބެވި ބޭފުޅުން ފާހަގަކޮށް ރައީސް ނަޝީދު ވަނީ ޝުކުރު އަދާކުރައްވާފައިވެއެވެ.