އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން، އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތުގައި ވިޔަފާރިތަކަށް ދޫކުރާ ހުއްދައާއެކު އެ ވިޔަފާރިއެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ދޫކުރެވޭނެ ވަކި އަދަދެއް ކަނޑައަޅައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާދަމާ އިން ފެށިގެން ވިޔަފާރި ހުއްދަ ދޫކުރާނީ ފުލުހުންގެ ޕާމިޓް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި މުވައްޒަފުންނަށް ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ އުސޫލެއް ވެސް ކަނޑައަޅައިފައި ވެއެވެ.
އެގޮތުން ހުރިހާ ވިޔަފާރިތަކެއްގައި ވެސް މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ދޫކުރެވޭނީ އެ ވިޔަފާރިއެއްގެ ޖުމްލަ މުވައްޒަފުންގެ އަދަދު ހުށަހެޅުމުން، ވަކި އުސޫލަކަށް ރިއާޔަތްކުރުމަށްފަހު ކަމަށް އިއުލާނުގައި ވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، މުވައްޒަފުންގެ ޖުމްލަ އަދަދު ކަނޑައެޅުމުގައި ބަލާނީ ޕެންޝަން އޮފީހުގައި ރަޖިސްޓްރީކޮށްފައިވާ މުވައްޒަފުންގެ މައުލޫމާތު އަދި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ މުވައްޒަފުންގެ ޖުމްލަ އަދަދަށް ކަމަށެވެ. އަދި އެ މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ރަޖިސްޓްރީ ކޮށްފައިވާ ބިދޭސީ މުވައްޒަފުންނަށް ހުއްދަ ހޯދުމަށް ހުށަހެޅިދާނެއެވެ.
ނަމަވެސް ރަޖިސްޓްރީކޮށްފައި ނުވާ މުވައްޒަފުންނަށް ހުއްދައަށް އެދެން ވާނީ އެ ވިޔަފާރިއެއްގައި މަސައްކަތްކުރާ މުވައްޒަފުން ރަޖިސްޓްރީކުރުމަށްފަހު ކަމަށް އިއުލާނުގައި ވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، އުސޫލުގެ ދަށުން ދޫކުރެވޭ ހުއްދައިގެ އަދަދުތަކަކީ އެ ވިޔަފާރިޔަކުން ފޯރުކޮށްދޭ ހިދުމަތް ދިނުމުގައި އެކަށީގެންނުވާ އަދަދެއް ކަމަށް ފެންނަނަމަ، ހުއްދައިގެ އަދަދު އިތުރުކުރުމަށް ހުށަހެޅިދާނެ ކަމަށެވެ. އަދި އެގޮތަށް އިތުރު ކުރުމަށް އެދޭ ހުއްދަތައް އެ މިނިސްޓްރީން ރިވިއު ކުރުމަށްފަހު އިތުރު ކޮށްދިނުމުގައި ގޮތެއް ނިންމޭނެ ކަމަށް ބުނެއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ފުލުހުންނާއި މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ވިދާޅުވީ، ބޭރަށް ނުކުންނަން ހުއްދަ ދޭނީ ފުލުހުން ކަމަށާއި ވިޔަފާރި ހުއްދައަށް އެދި ހުށަހަޅަން ޖެހޭނީ ސިޓީ ކައުންސިލުގެ ވެބްޕޯޓަލަށް ކަމަށެވެ. އަދި ސިޓީ ކައުންސިލަށް ހުށަހެޅުމުން ހުއްދަ ދޭނީ ފުލުހުން ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ކުއްލި ގޮތަކަށް ފުލުހުން އިއްޔެ ވަނީ ޕޮލިސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ޕާމިޓަށް އެދުމަށް ވެސް ހުޅުވާލައިފައެވެ. އެ ޕޯޓަލްގައި އެ ކެޓަގަރީ ހިމަނާފައިވާއިރު އެގޮތަށް ހުށަހެޅި ބައެއް މީހުންނަށް ވަނީ ހުއްދަ ވެސް ދޫކޮށްފައެވެ.