ޚަބަރު

މިދިޔަ 24 ގަޑިއިރު ތެރޭ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 22 މީހުން

އިތުރު 22 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 1872 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ނުވަ ދިވެއްސަކާއި ބަންގުލަދޭޝްގެ ދިހަ މީހަކާއި އިންޑިއާގެ ތިން މީހެއް ކަމަށެވެ.

ފާއިތުވެދިޔަ ދެ ދުވަހު ވެސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މަދެވެ. މިދިޔަ އަންގާރަ ދުވަހު 12 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އިއްޔެ ޕޮޒިޓިވްވެފައިވަނީ ނުވަ މީހެކެވެ.

އޭގެ އިތުރުން މިއަދު ވަނީ ޕޮޒިޓިވްވި އިތުރު ހަތަރު މީހަކު ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ ވަނީ 648 އަށް އަރައިފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތް މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ހަތަރު ދިވެއްސަކާއި ބަންގުލަދޭޝްގެ ތިން މީހެކެވެ.