ޚަބަރު

އެމްޓީސީސީ ކަށަވަރު ޝޯރޫމްގެ ހިދުމަތް އަލުން ފަށައިފި

އެމްޓީސީސީގެ ކަށަވަރު ޝޯރޫމްގެ ހިދުމަތް އަލުން ފަށައިފިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއެކު އެމްޓީސީސީން ވަނީ ކަށަވަރު ޝޯރޫމުން ދެމުން އައި ހިދުމަތްތައް މެދުކަނޑާލައިފައެވެ. ނަމަވެސް އެމްޓީސީސީން ވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެ ޝޯރޫމް އަލުން ހުޅުވާލައިފައެވެ. ޝޯރޫމް މިހާރު ހުޅުވާފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 1:30 އަށެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އިސްމާއިލް އަދުހަމް "ވަން" އަށް ވިދާޅުވީ، ކަށަވަރު ޝޯރޫމުން ހިދުމަތް ދޭން އަލުން ފަށާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުރިހާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.

އެގޮތުން އިޖުތިމާއީ ގައިދުރުކަމަށް އިސްކަން ދިނުމުގެ ގޮތުން ޝޯރޫމުގެ އެތެރޭގައި ތިބޭނީ ފަހަރަކު ތިން ކަސްޓަމަރުންނަށް ކަމަށާއި ކަސްޓަމަރުން ތިބެންޖެހޭނީ ވެސް މާސްކު އަޅައިގެން ކަމަށް އަދުހަމް ވިދާޅުވިއެވެ. އަދި ޝޯރޫމަށް ވަނުމުގެ ކުރިން އަތް ސެނިޓައިޒް ކުރުވައި ޓެމްޕަރޭޗާ ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ކުރިއާ ހިލާފަށް މިހާރު އެ ޝޯރޫމަށް ވަދެވޭނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ސޯމިލް ގޭޓުންނެވެ. އަދި މި ގޭޓުން ވަންނަ ކަސްޓަމަރުން ތިބޭނެ އިންތިޒާމް ގޯތި ތެރޭގައި ވަނީ ހަމަޖައްސައިފައެވެ.