ރަމަޟާން މަހާ ދިމާކޮށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ކުރިއަށްގެންދިޔަ ލޯތްބާއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އައިއޭސީން މައުލޫމާތުދޭގޮތުގައި ޑޮނޭޝަންގެ ގޮތުގައި ޖުމުލަ 4.7 މިލިއަން ރުފިޔާގެ އެހީ ލިބިފައިވާ ލޮތްބާއެކު ކެމްޕޭން ކާމިޔާބުކަމާއެކު ނިންމާލާފައިވަނީ ޝައްވާލް މަހުގެ ހަ ރޯދައަށް ފަހުއެވެ. އެ ޖަމިއްޔާއިން ބުނީ އެހީ ލިބިފައިވަނީ ދުނިޔޭގެ ހަ ސަރަހައްދެއްގެ ނިކަމެތިންނަށް އެއް މަސް ދުވަހަށް ވާވަރަށް ކާބޯތަކެތީގެ އެހީ ދިނުމަށާއި ރަމަޟާން މަހުގެ ތެރޭގައި އިފްތާރު ޕެކޭޖް ދިނުމަށެވެ.
މި ކެމްޕޭން ކުރިއަށްދިޔަ ގޮތުގެ މައުލޫމާތު ހިއްސާކުރަމުން އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަން ހެޑް މުހައްމަދު އަލީ ވިދާޅުވީ ލޮތްބާއެކު 2020 ކެމްޕޭން ކުރިއަށް ގެންގޮސްފައިވަނީ ހަ ގައުމެއްގައި ކަމަށާއި އަދި އެ ހަ ގައުމަކީ ޔުގެންޑާ، ފަލަސްތީނު، ސީރިޔާ، ޔަމަން، ނޭޕާލްގެ އިތުރުން ބަންގްލަދޭޝްގައެވެ.
އެގޮތުން އައިއޭސީން ބުނީ އެހެން އަހަރުތަކޭ އެއްގޮތަށް ރަމަޟާން މަހާ ދިމާކޮށް ކުރިއަށްގެންދާ ކާބޯތަކެތި ހަދިޔާ ކުރުމުގެ ކެމްޕޭނުގެ އިތުރުން، މިއަހަރުގެ ޕެންޑެމިކް ހާލަތާ ގުޅިގެން ކާބޯތަކެތީގެ ޕެކޭޖްތަކާއެކު މި ހާލަތާ ގުޅުންހުރި ތަކެތި ހަދިޔާ ކުރެވިފައިވާ ކަމަށެވެ.
މުހައްމަދު އަލީ ވިދާޅުވިގޮތުގައި ޔުގެންޑާއާއި، ފަލަސްތީނުގެ ގާޒާގެ އިތުރުން ނޭޕާލާއި ސީރިޔާގައި އައިއޭސީގެ ފަރާތުން އީދު ފާހަގަކުރިއެވެ.
މުހައްމަދު އަލީ ވިދާޅުވީ އީދު ފާހަގަކުރި ސަރަހައްދުތަކުގައި އީދު ހަދިޔާގެ ގޮތުގައި ހެދުން ހަދިޔާ ކުރުމުގެ އިތުރުން އީދުގައި ކެއްކެމަށް ކާބޯތަކެތި ބަހާފައިވާ ކަމަށެވެ. މީގެ އިތުރުން ލުބުނާނުގެ ބޯޑަރު ސަރަހައްދުގައި ތިބި ސީރިޔާގެ ރައްޔިތުންނާއި ފަލަސްތީނު މީހުންނަށް އީދު ފާހަގަކުރުމަށް ވަރަށް ތަފާތު ކަންކަން ކޮށްފައިވާ ކަމަށާއި އެގޮތުން ބީއެމްއެކްސް ބައިކް ސްޓަންޓް ޝޯއަކާއި ބައެއް ސަރަހައްދުތަކުގައި ކުޑަކުދިންނަށް ކުޅެވޭނެ ގޮތަށް ބާސްކެޓްބޯޅަ ހޫޕް ހަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ކެމްޕޭނަކީ ޖުމުލަކޮށް ވަރަށް ކާމިޔާބު ކެމްޕޭނެއް. ހަ ގައުމެއްގެ މީހުންނަށް އަމާޒުކޮށްގެން ފެށި މި ކެމްޕޭން ވަރަށް ބޮޑަށް ފުޅާވެގެން ދިޔަކަން ފާހަގަކޮށްލަން. މި ކެމްޕޭނުގެ ތެރެއިން މެލޭޝިއާގައި ތިބި ރޮހިންޔާ ދަރިފަސްކޮޅުގެ ރައްޔިތުންނަށްވެސް އެހީވެވުނު. މީގެ އިތުރުން މިޔަންމާގެ ރަހީން ސްޓޭޓްގެ ނިކަމެތި ރައްޔިތުންނަށް ކާބޯތަކެތީގެ އެހީ މި ކެމްޕޭންގެ ތެރެއިން ފޯރުކޮށްދެވުނުކަން އުފަލާއެކު ފާހަގަކޮށްލަން. އަދި ބަންގްލަދޭޝްގައި ތިބި ރޮހިންޔާ ދަރިފަސްކޮޅުގެ މީހުންނަށް އެހީވުމުގެ ތެރެއިން ބަންގްލަދޭޝްގައި އަނދައިގެންދިޔަ ކޭމްޕެއްގައި ތިބި ފަރާތްތަކަށް ރާއްޖޭގެ ކުންފުންޏެއްގެ ހެޔޮއެދުމާއެކު ކާބޯތަކެތި ހަދިޔާ ކުރެވިގެންދިޔަ ކަން ވެސް އަޅުގަނޑު ފާހަގަކޮށްލަން،” މުހައްމަދު އަލީ ވިދާޅުވިއެވެ.
ލޮތްބާއެކު 2020 ކެމްޕޭނުގެ ތެރެއިން ރެފިއުޖީ ކޭމްޕާއި، ސްލަމް ސަރަހައްދުތަކުގައާއި އަދި އެކި ގޮތްގޮތުން ހާލުގައި ޖެހިފައިވާ ގާތްގަނޑަކަށް 35,000 ނިކަމެތިންނަށް އެހީވެވިފައިވާކަން އައިއޭސީއިން ހާމަކުރެއެވެ. އެޖަމިއްޔާ އިން ބުނީ އުންމީދުކުރި ވަރަށްވުރެ މި ކެމްޕޭނަށް ދިވެހި ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އެގޮތުން ބައިނަލްއަގުވާމީ ގޮތުން ފަންޑު ހޯދުމުގެ މަސައްކަތާއެކު ކުރިއަށްގެންދިޔަ ކެމްޕޭނެއް ނަމަވެސް މި ކެމްޕޭނަށް ލިބިފައިވާ 99 އިންސަތަ އެހީއަކީ ދިވެހި ރައްޔިތުންގެ ފަރާތުން ލިބިފައިވާ އެހީތެރިކަން ކަމަށެވެ.
އައިއޭސީން ކާމިޔާބުކަމާއެކު ނިންމާލާފައިވާ ލޮތްބާއެކު 2020 ކެމްޕޭނަށް ފަހު އެޖަމިއްޔާއިން ރާވާފައިވާ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން އައިއޭސީން ބުނީ މިހާރު އެޖަމިއްޔާއިން އަންނަނީ ޕެންޑެމިކް ރިލީފް ޕްރޮޖެކްޓް އިތުރަށް ކުރިއަށްގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރަމުން ކަމަށެވެ.
މީގެއިތުރުން، އިތުރު ފަހި ގޮތަކާއިއެކު ސަދަގާތް ޖާރިޔާ ޕްރޮޖެކްޓްގެ ނަމުގައި އެހީފޯރުކޮށްދިނުމަށް އިތުރު ކެމްޕެއިނެއް އިއުލާން ކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އަމްފަން ސައިކްލޯންގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެމެޖެންސީ ރިލީފް ފޯރުކޮށްދިނުމާ ގުޅޭގޮތުން އައިއޭސީގެ ޕާޓްނަރުންނާއެކު މަޝްވަރާ ކުރަމުން އަންނަކަން އައިއޭސީއިން ފާހަގަކުރިއެވެ. އަދި މި މަޝްވަރާތަކަށް ފަހު މި ކަންކަމުގެ މައުލޫމާތު ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް އައިއޭސީން ބުންޏެވެ.
އައިއޭސީން ވަނީ މި ކެމްޕޭނުގެ ތެރެއިން އެހީ ލިބުން ފަރާތްތަކުގެ ފަރާތުން ދިވެހި ލޮބުވެތި ރައްޔިތުން ދެއްވި ދީލަތި އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. މީގެއިތުރުން، މި ކެމްޕޭނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ، ޑޮނޭޝަން ދެއްވި ފަރާތްތަކުން އެ ފަރާތަކަށް ވެވެނު ގޮތަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންގެންދާތީ އެކަން އައިއޭސީން ވަނީ ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕޭނާ ބެހޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އައިއޭސީގެ ފޭސްބުކް ޕޭޖު (https://www.facebook.com/IACMaldives/) އިން އެ މައުލޫމާތު ލިބޭނެ ކަމަށް އައިއޭސީން ބުނެއެވެ.