ޚަބަރު

ކޮމިޓީތަކުގެ ބައްދަލުވުންތައް މަޖިލީހުގައި ބާއްވަން އަންގަވައި، މަޖިލިސް ރައީސް މުގައްރިރުންނާ ބައްދަލުކުރައްވައިފި

ކޮވިޑް 19އާ ގުޅިގެން މެންބަރުން ގޭގައި ތިއްބަވައިގެން ވާޗުއަލްކޮށް ގެންދިޔަ ކޮމިޓީ ބައްދަލުވުންތައް، މީގެފަހުން މަޖިލިސް ގޭގައި ބާއްވަން އަންގަވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާ ބައްދަލުކުރައްވައިފިއެވެ.

މަޖިލިސް ކޮމިޓީތަކުގެ މުގައްްރިރުންނާ ބައްދަލުކުރެއްވި ފަހުުން އެންމެ ފުރަތަމަ ބޭއްވި، ސްޓޭޓް އޯންޑް އެންޓާޕްރައިޒަސް (އެސްއޯއީ) ކޮމިޓީ ބައްދަލުވުމުގައި އެކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، "ކޮމިޓީތައް ދެން މުޅިން ހިނގަންވާނީ މަޖިލީހުގައި ކަމަށް، މަޖިލިސް ރައީސް ވިދާޅުވެފައިވާ ކަމަށާއި، އެއީ ޝޯޝަލް ޑިސްޓެންސިންގެ މިންގަނޑުތައް ބަހައްޓައިގެން،" ކަމަށެވެ.

އެންގުމާއެކު އަންނަ ހަފުތާއިން ފެށިގެން އެސްއޯއީ ކޮމިޓީގެ ބައްދަލުވުންތައް ވެސް ބާއްވާނީ މަޖިލިސްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް 19 ގެ ސަބަބުން އެޅި ފިޔަވަޅުތަކުގެ ސަބަބުުން، މަޖިލީހުުގެ މާލަމުގައި ކުރިއަށްގެންދިޔަ މަޖިލިސް ޖަލްސާތަކާއި ކޮމިޓީ ބައްްދަލުވުންތައް މެދުކަނޑައިލުމަށްފަހު، އޮންލައިންކޮށް މަޖިލިސް ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތައް ފެށީ، 30 މާޗްގައެވެ.

އެއަށްފަހު ކޮވިޑްގެ ހާލަތު ކޮންމެވެސް ވަރަަކަށް ކޮންޓްރޯލުވެ، ލޮކްޑައުންއަށް ލުޔެއްދޭން ނިންމުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މާސްކް އަޅައި ގައިދުރުކަން ބަހައްޓައިގެން މަޖިލީހުގެ ޖަލްސާތައް އަލުން މަޖިލިސްކުރާ ގޭގައި ފަށާފައިވަނީ، މިދިޔަ މަހުގެ 26 ގައެވެ.