ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅި ފައިސާތަކުގެ ތެރެއިން ޕީޕީއެމްއަށް ނުދީ ހުރި ފައިސާ ދޫކުރާނީ ކޯޓުގައި އޮތް ޕީޕީއެމްގެ މައްސަލައާ މެދު ވަކި ގޮތެއް ނިމުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ރިޔާސީ އިންތިހާބަށްފަހު ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭން ޖެހޭ ފައިސާގެ ތެރެއިން ޕީޕީއެމްއަށް 11.5 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. އޭގެތެރެއިން 8.6 މިލިއަން ރުފިޔާ ނުދީ އިލެކްޝަނުން ވަނީ ހިފަހައްޓާފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޕީޕީއެމްގެ ލީޑަރޝިޕާ ގުޅޭގޮތުން ސިވިލްކޯޓުގައި މައެއްސަލައެއް އޮތް ކަމަށާއި އަދި އެނޫންވެސް ބައެއް މައްސަލަތައް ހުރި ކަމަށެވެ.
"އެޕާޓީއަށް ވެސް އަަަޅުގަނޑުމެން އަންގާފައި ވާނީ ކޯޓުން ވަކިގޮތެއް ނިންމުމަށްފަހުގައޭ އެ ފައިސާ ދޫކުރާނީ. އެކަން އަޅުގަނޑުމެން ވާނީ އާންމުކޮށް އަންގާ އިއުލާންކޮށްފައި،" އޭނާ ވިދާޅުވިއެވެ.
އިލެކްޝަނުުން ކުރީން ބުނީ ޕާޓީތަކަށް ދޭންޖެހޭ 24.2 މިމިލިއަން ރުފިޔާ ޕާޓީތަކަށް ދީފައިވާ ކަމަށެވެ. އެގޮތުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 7.4 މިލިއަން ރުފިޔާ ދީފައިވާ އިރު ޖުމްހޫރީ ޕާޓީތަކަށް 2.5 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ. އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް ވަނީ 2.6 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.