ޚަބަރު

ވިޔަފާރި ހުއްދައަށް އެދި ފުލުހުންނަށް ހުށަހަޅަން އެންގުމުން ޝިފާ: މާލެ ޕޮލިސް ސިޓީއަކަށް ވެގެން ނުވާނެ!

2

ވިޔަފާރިތަކުން ހުއްދައަށް އެދި މާލެ ސިޓީ ކައުންސިލަށް ހުށަހަޅަން އަންގާފައި އޮތް އޮތުން ކުއްލި ގޮތަކަށް ބަދަލުވެ، އެ ހުއްދަ ހޯދަން ފުލުހުންނަށް ހުށަހަޅަން އެންގުމުން މާލޭގެ މޭޔަރު ޝިފާ މުހައްމަދު ކަންބޮޑުވެވަޑައިގެންފިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ފުލުހުންނާއި މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ވިދާޅުވީ، ބޭރަށް ނުކުންނަން ހުއްދަ ދޭނީ ފުލުހުން ކަމަށާއި ވިޔަފާރި ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ ސިޓީ ކައުންސިލުގެ ވެބްޕޯޓަލްއަށް ކަމަށެވެ. އަދި ސިޓީ ކައުންސިލަށް ހުށަހެޅުމުން ހުއްދަ ދޭނީ ފުލުހުން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ކުއްލި ގޮތަކަށް ފުލުހުން އިއްޔެ ވަނީ ޕޮލިސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ޕާމިޓަށް އެދުމަށް ހުޅުވާލައިފައެވެ. އެ ޕޯޓަލްގައި އެ ކެޓަގަރީ ހިމަނާފައިވާއިރު އެގޮތަށް ހުށަހެޅި ބައެއް މީހުންނަށް ވަނީ ހުއްދަ ވެސް ދޫކޮށްފައެވެ. މިކަމާ ގުޅިގެން އާންމުންނަށް ވަނީ ބިޒްނަސް ޕާމިޓަށް އެދި ހުށަހަޅަންޖެހޭ ފަރާތް މިހާރު އޮޅިފައެވެ.

މިކަމާ ގުޅިގެން މޭޔަރު ޝިފާ "ވަން" އަށް ވިދާޅުވީ، މާލެ ސިޓީގެ ހުރިހާ ވިޔަފާރިތަކާ ބެހޭ މަސްއޫލިއްޔަތުތައް ހަވާލުވެފައި އޮންނަނީ މާލެ ސިޓީ ކައުންސިލާ ކަމަށެވެ. އަދި ލުއިތައް ދޭން ނިންމައި، އެއްބަސްވެފައި އޮތީ ސިޓީ ކައުންސިލަށް ބިޒްނަސް ޕާމިޓް ހޯދަން އެދުމުން، އިކޮނޮމިކް މިނިސްޓްރީން ވެރިފައި ކުރުމަށްފަހު އެ ހުއްދަ ފުލުހުން މެދުވެރިކޮށް ދޫކުރާ ގޮތަށް ކަމަށެވެ.

އެގޮތުން އެ ހުއްދަ ދިނުމަށް ހޯދަންޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް މިދިޔަ މަހުގެ 29 ވަނަ ދުވަހު ފަށައި މިމަހުގެ ހޯމަ ދުވަހުގެ ރޭ 10:00 އާ ހަމައަށް ހުށަހަޅާފައިވާ 3480 އެޕްލިކޭޝަން ބެލުމަށްފަހު ތަރުތީބުކޮށް ވެރިފައިކުރުމަށްޓަކައި ކައުންސިލުން އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވި އެޕްލިކޭޝަންތަކުގައި 2090 ކުންފުންޏަކާއި 9207 މުވައްޒަފުންގެ މައުލޫމާތު ހިމެނޭނެ ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.

"ކޮވިޑާއެކު ވެސް ކޮންމެ ރެއަކު ސިޓީ ކައުންސިލްގެ ހޭލައި ތިބެގެން ކުރި މަސައްކަތެއް މި މަސައްކަތަކީ. މި އެއްކުރާ ވަރަކަށް އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވަމުންދިޔައީ. ނަމަވެސް މިނިސްޓްރީން އަންގަނީ އެއީ ސައްހަ މައުލޫމާތެއް ނޫނޭ. ރައްޔިތުން ފޮނުވާ މައުލޫމާތު އަޅުގަނޑުމެން މިފޮނުވަނީ،" ކަންބޮޑުވުމާއެކު މޭޔަރު ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ، މިދަނޑިވަޅަކީ މާލެ ހިންގުމަށް ސިޓީ ކައުންސިލަށް ބޭނުންވާ ގިނަ މައުލޫމާތުތަކެއް އެއްކުރެވެން އޮތް ވަގުތެއް ކަމަށެވެ. އެގޮތުން ބޮޑެތި ވިޔަފާރިތަކުގެ އިތުރުން ފްރީލާންސްގެ ގޮތުގައި މަސައްކަތްކުރާ މަސްވެރިންނަށާއި ކެޔޮޅުވެރިކުރާ މީހުންގެ މައުލޫމާތު ވެސް އެއްކުރެވިފައި ހުރުމުން އެކަންކަން ކުރިއަށް ގެންދަން ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ޕާމިޓް ދޫކުރަން ފެށީ ސިޓީ ކައުންސިލަށް އެންގުމެއް ނެތި ކަމަށާއި ޕޮލިސް ސިޓީއަކަށް މާލެ ބަދަލުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.

"އައްޑޫ ސިޓީގައި ވެސް ކަންކަން ކުރަމުން އެގެންދަނީ ފުލުހުންނެއް ނޫން. ރަށްރަށުގައި ވެސް އެކަންކަން ކުރައްވަމުން އެގެންދަވަނީ ފުލުހުންނެއް ނޫން. މީގަ މައްސަލައަކީ ޑިސްކުރެޑިޓް ކުރާތީ. އެންމެ ޓުވީޓަކުން މުޅި ކަންތައް ހަލާކުވެގެން މިދިޔައީ،" ފުލުހުންގެ އަމަލުތަކާ މެދު ސުވާލު އުފައްދައި މޭޔަރު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟