ޚަބަރު

އައްޑޫ އާއި ފުވައްމުލައް ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅަން އދ. އަށް ހުށަހަޅައިފި

އައިދާ އަބްދުލް ހަކީމް

ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ރާއްޖެއިން ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގެ އެންމެ ބޮޑު އެއް އަތޮޅުކަމަށްވާ އައްޑު އަތޮޅު އަދި ފުވައްމުލައް ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށް އދ. އަށް މީގެ ދުވަސްކޮޅެއް ކުރިން ހުށަހަޅާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްﷲ ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑރ. ނަސީރު ވިދާޅުވީ އައްޑޫ އާއި ފުވައްމުލައް ބަޔޮސްފިއާ ރިޒާވަކަށް ހެދުމަށް، އެތަންތަނުގައިވާ ގުދުރަތީ ވެށިތައް ހިމާޔަތްކޮށް އެ ދެއަތޮޅަކީ ހިމާޔަތް ކުރެވިފައިވާ ތަނަކަށް ހެދުމަށް ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުމެއް އެމިނިސްޓްރީގެ އެކަމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަރަށް ބުރަ މަސައްކަތުން ބަޔޮސްފިއާ ރިޒާވްގެ ކަންކަން ބަލަހައްޓާ ޔުނެސްކޯއަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

ޑރ. ނަސީރު ވިދާޅުވީ އެކަމާ ގުޅޭގޮތުން އދ. ގައި މަޝްވަރާކޮށް އަދި ބަހުސްކޮށް މިހާރު ފައިނަލް ސްޓޭޖްގައި އޮތްނަމަވެސް އެކަމުގެ މަސައްކަތަށް ކޮވިޑާއި ގުޅިގެން ލަސްތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް އެމިނިސްޓްރީން އެކަމުގައި ކުރަންޖެހޭ ހުރިހާ ކަމެއް ކޮށް މިހާރު ނިމިފައިވާ ކަމަށް ޑރ. ނަސީރު ވިދާޅުވިއެވެ.

މާދަމާ އަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރާ ތިމާވެށީގެ ދުވަހެވެ. މިއަހަރުގެ ޝިޔާރެއްގެ ގޮތުގައި ކަނޑަ އަޅާފައިވަނީ " ޓައިމް ފޯ ނޭޗާ" އެވެ. ދިރޭތަކެތީގެ މުހިންމު ކަމާއި ގުޅޭގޮތުން މިއަހަރު މިދުވަސް ފާހަގަ ކުރާއިރު އެންމެ ފުރަތަމަ މިދުވަސް ފާހަގަ ކޮށްފައިވަނީ 1972 ވަނަ އަހަރުގައެވެ.