މިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތުގެ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 6.4 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި ދައުލަތުން ހަރަދުކޮށްފައިވަނީ 10.11 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއް ފަހަރު އާންމުކުރަމުން އަންނަ ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ހަ ބިލިއަން ލިބިފައިވާ އިރު، މިދިޔަ މަހުގެ 28ގެ ނިޔަލަށް ކެޕިޓަލް ހަރަދަކީ 2.6 ބިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި 9.10 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބިފައިވާ އިރު، މިއީ މިދިޔަ އަހަރާ އަޅާބަލާ އިރު 3.82 ބިލިއަން ރުފިޔާ މަދު އަދަދެކެވެ. އެހެންކަމުން ލިބުނު އާމްދަނީއަށް ވުރެ އިތުރަށް ހަތަރު ބިލިއަން ރުފިޔާ ސަރުކާރުން ވަނީ ހަރަދުކޮށްފައެވެ.
ޓެކުހުގެ ގޮތުގައި މިއަހަރު 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުކޮށްފައި އޮތްއިރު މިހާތަނަށް ލިބިފައިވަނީ ފަސް ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެ ބިލިއަން ރުފިޔާ މަދު އަދަދެކެވެ. މިދިޔަ އަހަރު ލިބުނީ ހަތް ބިލިއަން ރުފިޔާއެވެ.
ޓެކްސް ނޫން ގޮތް ގޮތަށް މިހާތަނަށް އެއް ބިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރު ދެ ބިލިއަން ލިބިފައިވެއެވެ. އަދި ހިލޭ އެހީގެ ގޮތުގައި މިދިޔަ އަހަރު 461.2 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު ލިބިފައިވަނީ 23 މިލިއަން ރުފިޔާއެވެ.
ތަފާސްހިސާބު ދައްކާގޮތުން މިހާތަނަށް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީޢެސްއައިޕީ)އަށް ކުރި ހަރަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 1.4 ބިލިއަން ރުފިޔާ ހަރަދުކުރިއިރު މިއަހަރު ވަނީ 1.58 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
އޭގެ އިތުރުން ދައުލަތުގެ ރިކަރަންޓް ހަރަދުތައް ވަނީ ކުޑަކޮށް ދަށްވެފައެވެ. މިއަހަރުގެ މިހާތަނަށް ރިކަރަންޓް ހަރަދުގެ ގޮތުގައި 7.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރު ހޭދަވެފައިވަނީ 7.6 ބިލިއަން ރުފިޔާއެވެ. މިއީ ކޮވިޑް 19އާ ގުޅިގެން ދައުލަތުގެ ސިޔާސީ ވަޒީފާތަކާއި މިނިވަން މުއައްސަސާތަކުގެ މުސާރަ ކުޑަކޮށްފައިވާތީ އައި ބަދަލެއް ކަމަށް ބެލެވެއެވެ.