ޚަބަރު

ގުޅިފަޅު ޕްރޮޖެކްޓަކީ ތިމާވެއްޓަށް ގެއްލުންބޮޑު ލާމަރުކަޒީ ނިޒާމާ ދިމާ އިދިކީލި ޕްރޮޖެކްޓެއް: މެންބަރު އަލީ ހުސެއިން

މަރިޔަމް ޝަހުދާ

ގުޅިފަޅު ޕްރޮޖެކްޓަކީ ތިމާވެއްޓަށް ގެއްލުންބޮޑު ލާމަރުކަޒީ ނިޒާމާ ދިމާ އިދިކީލި ޕްރޮޖެކްޓެއް ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ކ. ގުޅިފަޅުގައި ގާއިމުކުރާ ޕޯޓް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދާތީ އެތަނުގެ ވަށައިގެންވާ ފަރުތަކަށް ގެއްލުންވަމުންދާ ކަމަށްބުނެ އެކަން އަވަހަށް ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލަ ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ. އަދި މި މައްސަލަ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓްޗޭންޖް ކޮމިޓީން ވަނީ ބަލަން ފަށައިފައެވެ.

މިކަމާ ގުޅިގެން އަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ޕްރޮޖެކްޓަކީ މި ދަނޑިވަޅުގައި މާލީގޮތުން ދެކޮޅު ނުޖެހޭ ޕްރޮޖެކްޓެއް ކަމަށެވެ. އަދި މިއީ ގުދުރަތީ ރީތިކަމުން ހޯދާ އިގުތިސާދީ އަދި އިޖުތިމާއީ ނަފާ ހީނަރު ކުރުވާ ކަމެއް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

މީގެ އިތުރުން ގުޅިފަޅު ހިއްކަން ބޭނުންވާ 20 މިލިޔަން ކޮޑިމީޓަރުގެ ވެލި އެހެން އަތޮޅުތަކުގެ އެތެރެވަރިންނާއި ބޭރުވަރިން ނެގުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. އަދި އެއީ ރަނގަޅު ގޮތެއްވެސް ނޫން ކަމަށާއި، އެމަގުން ކަން ނުހިނގާނެ ކަމަަށް އުއްމީދު ކުރައްވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ކަން މިހެން ހުރި ނަމަވެސް މި ޕްރޮޖެކްޓުގެ ހިއްކާ ބައިގަނޑާ ގުޅިފައިވާ ކުންފުނިތަކަށް ފައިދާވާނެ ކަމަށް އަލީ ހުސައިން ފާހަގަ ކުރެއްވިއެވެ. ގުޅިފަޅު ބިން ހިއްކުމުގެ ސަބަބުން ވިލިމާލޭ ފަރަށް މާ ބޮޑު އަސަރެއް ކޮށްފައި ނުވާ ކަމަށް އީޕީއޭ އިން ދާދި ފަހުން ވަނީ ބުނެފައެވެ.