ޚަބަރު

ވޯޓުލާތަން ރެޖިސްޓްރީ ކުރަން އެހެން މީހަކު ހުށަހަޅާނަމަ ޒިންމާނަގަން ޖެހޭގޮތަށް ހަދަނީ

އަހުމަދު ޖައިޝަން

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލާތަން ރަޖިސްޓްރީ ކުރަން ހުށަހަޅާ އިރު ވޯޓާލާ މީހާ ނޫން އެހެން މީހަކު ފޯމު ހުށަހަޅާ ނަމަ، އެ ފޯމު ހުށަހަޅާ މީހާ އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭ ގޮތަށް ހަމަޖައްސަން އިލެކްޝަންސް ކޮމިޝަނުުން ނިންމައިފި އެވެ.

މިއަދު އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެހެން މީހެއްގެ ފޯމު ހުށަހަޅާނަމަ ދިމާވެދާނެ މައްސަލަތަކުން ސަލާމަތްވުމަށް ގިނަ ކަންތައްތަކެއް މަޖިލިސް އިންތިޚާބަށް ރީރެޖިސްޓްރޭޝަން ފޯމުގައި ހިމަނާފައިވާ ކަމަށެވެ.

"އެއީ އެ ފޯމަކީ ސައްހަ ފޯމެއް ކަމަށާއި އެފޯމަކީ ސައްހަ ނޫން ފޯމެއް ކަމަށް އެއްވެސް ޝަރުއީ މަރުހަލާއެއްގައި ސާބިތުވެއްޖެ ނަމަ އެކަމުގެ ފުރިހަމަ ޒިންމާ އޭނާ [ފޯމް ހިފައިގެން އަންނަ މީހާ] އަދާކުރާނެ ކަމުގެ އިގުރާރަކާއެކީގައި މިފަހަރު އަޅުގަނޑުމެން ވޯޓާސް ރެޖިސްޓްރީ ފޯމް ބަލައިގަންނާނީ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ވޭތުވެ ދިޔަ ރިޔާސީ އިންތިހާބުގައި ރެޖިސްޓްރޭޝަނާ ގުޅިގެން ޝަކުވާގެ މައްސަލަތަކެއް ހުށަހަޅާފައި ހުރި ކަމަށެވެ.