މިދިޔަ 12 ގަޑިއިރުތެރޭ ވިޔަފާރިތަކުގެ ވަކިވަކި ފަރުދުންނަށް 21،000 އަށްވުރެ ގިނަ ހުއްދަ ދޫކޮށްފައިވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަހު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.
ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖުމުލަ 1927 ވިޔަފާރިއެއްގެ ޖުމްލަ 21،563 ވަކިވަކި ފަރުދުންނަށް އޮންލައިންކޮށް ހުއްދަ ދޫކޮށްފައިވާ ކަމަށެވެ.
މި ހުރިހާ ހުއްދަތަކަކީ ކޮވިޑް 19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ލޮކްޑައުންއަށް ލުއިތަކެއް ދިނުމާއި ގުޅިގެން ދެވުނު ހުއްދަތަކެއްކަން ހަމީދު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ވަކިވަކި ފަރުދުންގެ ތެރެއިން މުޅިން އަލަށް ޖުމުލަ 11،826 މީހަކަށް ބޭރަށް ނިކުމެ އުޅުމަށް ޕޮލިސް ހުއްދަ ދޫކޮށްފައިވާނެ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
ލޮކްޑައުން އަށް ގެނައި ލުއިތަކާއެކު ކުރިން ހުޅުވުމުގެ ހުއްދަ ދީފައިވާ ނުވާ އެތައް ވިޔަފާރިއެއް އަލުން ހުޅުވުމުގެ ފުރުސަތު ވަނީ ދީފައެވެ. މީގެ އިތުރުން ހުއްދަ ނަގައިގެން އުމުރުން ދުވަސްވީ މީހުންނަށް ވަކި ގަޑިތަކެއްގައި ނިކުތުމުގެ ހުއްދަ ދިނުމަށްވެސް ވަނީ ނިންމައިފައެވެ.
މީގެ އިތުރުން ކުރިން ގޭބިސީއަކުން އެކަކަށް ހުއްދަ ދެމުން އައި އައުމަށް ބަދަލު ގެނެސް، މިހާރު ގޭބިސީއަކުން ތިން މީހުންނަށް ހުއްދަ ދޫކުރަން ވަނީ ފަށައިފައެވެ. އަދި ކުރިން ދޫކުރަމުން އައި އެއްގަޑިއިރުގެ ވިޔަފާރި ހުއްދަ މިހާރު ވަނީ ދެ ގަޑިއިރަށް އިތުރު ކޮށްފައެވެ.