އިބްރާހިމް ޒަކީ
މިނިސްޓާ އޮފް ސްޓޭޓް ފޮ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، އަހުމަދު އާދިލް، ހުންނަވަނީ ބާކީކޮށްލައްވާފައި ކަމަށް، މެންބަރަކު ސުވާލު ކުރެއްވުމުން، އާދިލް އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ސްޓޭޓް މިނިސްޓަރެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތިު ނަހުލާ ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ރާވާފައިވާ ގޮތާ ބެހޭގޮތުން މައުލޫމާތު އޮޅުން ފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ރޭ ބޭއްވި ވާޗުއަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން އެ ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން، ސްޓޭޓް މިނިސްޓަރު އާދިލް ބާކީ ކުރައްވާފައި ހުންނަތަން ފެންނަ ކަމަށް ވިދާޅުވެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، އެއްވެސް ބޭފުޅަކު ބާކީ ނުކުރައްވާ ކަމަށެވެ.
އެކަމާ ބެހޭގޮތުން މިނިސްޓަރަށް ސުވާލު ދެންނެވީ، ކޮމެޓީ މެންބަރު ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން އެވެ.
"އަޅުގަނޑުމެންގެ ދާއިރާއިންވެސް ވަަރަށް ގިނަ ޝަކުވާތައް ސްޓޭޓް މިނިސްޓަރު އާދިލްއާ ވެސް ކުރޭ. އަޅުގަނޑުވެސް އެބަ ގުޅަން ދެން އާދިލް ދެވޭ ވަރަކުން ޖަވާބު ދެވޭތޯވެސް ބަލާ އަޅުގަނޑު ހަމަ ކަންބޮޑުވޭ، މިހާރު މިއޮތީ ސިޔާސީ ނިޒާމެއް، ޕާޓީ ނިޒާމެއް، އާދިލް އަކީ އަޅުގަނޑުމެންގެ ޕާޓީގެ ވެސް މެންބަރަކަށް ވާއިރު އަޅުގަނޑަށްވެސް ފެނޭ ކޮންމެވެސް ވަރަކަށް އާދިލް ބާކީ ކުރެވިފައި ހުންނަތަން،" ސުވާލު ކުރައްވަމުން މެންބަރު އިކްރާމް ވިދާޅުވިއެވެ.
އިކްރާމްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، ވަޒީރެއްގެ ހައިސިއްޔަތުން، ސިޔާސީ ބޭފުޅުންގެ ޕާފޯމަންސާ ބެހޭ މައުލޫމާތު، އަރުވަން ޖެހޭ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްްމަދު ސޯލިހު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މެންބަރުގެ ސުވާލަށް އިހްތިރާމް ކުރެއްވުމުގެ ގޮތުން ދަންނަވާނީ، ސްޓޭޓް މިނިސްޓަރު އާދިލް އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ސްޓޭޓެއްކަމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސްޓޭޓް މިނިސްޓަރު އާދިލްގެ ވާހަކަ ދަންނަވައިފި، ބާކީކުރައްވާފައި ހުންނަވާކަން ފާހަވާ ވާހަކަ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިޔާސީ ބޭފުޅުންގެ ޕާފޯމަންސްގެ، ކިހިނެއްތޯ، ކުރިޔަށްދާކަން، ނުދާކަން އަޅުގަނޑު ވަޒީރެއްގެ ހައިސިއްޔަތުން އަޅުގަނޑު، އެ މައުލޫމާތު އަރުންވަން ޖެހޭނީ އަޅުގަނޑުމެންގެ ލޮބުވެތި ރައީސުލްޖުމްހޫރިޔާ އިބްރާހިިމް މުހައްމަދު ސޯލިހަށް، މެންބަރުންގެ ސުވާލަށް އަޅުގަނޑު އިހުތިރާމް ކުރުމުގެ ގޮތުން ދަންނަވާލަން އޮތީ އަޅުގަނޑު އެއްވެސް ބޭފުޅަކު ބާކީ ކޮށްފައެއް ނޯންނާނެއޭ، ސްޓޭޓް މިނިސްޓަރު އާދިލް އަކީ ވެސް ވަރައށް ބުރަކޮށް މި މިނިސްޓްރީގައި މަސައްކަތް ކުރައްވާ ސްޓޭޓެއް، އެހެންވީމާ އެކަން ހަމަ ފާހަގަ ކޮށްލީ،" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
މިނިިސްޓަރު ވިދާޅުވީ، ސިޔާސީ މަގާމުތައް ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރެއްވި ނަމަވެސް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް އަދި ރައްޔިތުންނަށް އެންމެ ފަސޭހައިން ހިދުމަތްދެވޭގޮތަށް، އެފަރާތްތަކާ މަސައްކަތްތައް ހަވާލު ކުރެއްވުމަކީ މިނިސްޓަރުގެ މަސްއޫލިއްޔަތެއް ކަމަށެވެ.