ކޮވިޑާއި ގުޅިގެން އޮފީހަށް ނުނިކުންނެވިއަސް، ބުރަކޮށް މަަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި، ކުރައްވާ މަސަައްކަތް އެހާބޮޑަށް ނުފެންނަނީ، އެކަންކަމުގެ ފޮޓޯނަގައި ސޯޝަލް މީޑިއާގައި އާއްމު ކުރަމުން ނުދާތީ ކަމައށް ވެދާނެކަމުގައި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ، ކޮވިޑް 19ގެ މިހާލަތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ތަރުތީބުކޮށް ކުރިއަށް ގެންދާގޮތާބެހޭގޮތުން މައުލޫމާތު އޮޅުން ފިލުވުމަށް، މިނސްޓަރު ނަހުލާ އާއި އެ މިނސިްޓްރީގެ އިސްބޭފުޅުންނާ އެކު ރައްޔިތުންގެ މަޖިލިހުގެ، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ކޮވިޑް 19 އާ ގުޅިގެން ބައެއް މިނިސްޓަރުން ފްރަންޓްލައިންގައި ބުރަ، އަދި މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، މިނިސްޓަރު ނަހުލާގެ މަސައްކަތް ފެންނަމުން ނުދާ ކަމަށާއި، ޓްރާންސްޕޯޓް މިނިސްޓްރީން ދެމުން އަންނަ ހިދުމަތްތަކާމެދު އެތައް ބައެއްގެ ކަންބޮޑުވުން ހުރިކަން ފާހަގަ ކުރައްވައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ހާއްސަ ޓާސްކްފޯހެއް އެކުލަވާލައްވައި، އެމަނިކުފާނު ކަނޑައެޅުއްވި ވުޒާރާތަކުގެ ވަޒީރުން ފްރަންޓް ލައިނުގައި މަސައްކަތް ކުރައްވާ ގޮތަށް ހަމަޖެއްސެވި ކަމަށެވެ. ނަމަވެސް ދެން ތިއްބެވި ވަޒީރުންވެސް ގެންދަވަނީ އެބޭފުޅުންގެ ވުޒާރާއާ ގުޅޭ މަސައްކަތްތައް ކުރައްވަމުން ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން ކޮވިޑް 19ގެ ހާލަތާ ގުޅިގެން އޮފީހަށް ވަޑައި ނުގެންނެވުނު ނަމަވެސް، 24 ގަޑިއެއްހާއިރު އުޅުއްވަން ޖެހިވަޑައިގެންފައިވަނީ މަސައްކަތުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ގިނަ ރޭރޭ އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިފައި ހުންނާނެ ތިނެއް ޖަހާއިރު، ހަތަރެއް ޖަހާއިރު ފަހެއް ޖަހާއިރު ވެސް. އަނެއްކާ ހެނދުނު ހަތެއް ޖަހާއިރު،" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ މަސްއޫލިއްޔަތުގެ ތެރެއިން، ބައެއް ފަރާތްތަކުން ހުށަހެޅި ބައެއް ތަކެތި ރަޖިސްޓްރީ ކޮށްދީފައި ނުވުމާއި، ބައެއް ސިޓީތަކަށް ޖަވާބުދީފައި ނުވާ ކަމަށްބުނެ ބައެއް މެންބަރުން ކުރި ސުވާލާ ގުޅިގެން، ތަފްސީލް ދެއްވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް މަހުދީ އިމާދު ވިދާޅުވީ، ބައެއް ވެހިކަލް ރަޖިސްޓްރީ ކުރުމުގެ މައްސައިގައި، ކޮވިޑް 19 ގެ ހާލަތުކަމުން އެ ތަކެތި ދުއްވުމަށް ވަގުތީ ހުއްދައެއް ދިނުމަށް އެ ހުށަހެޅި ކައުންސިލުތަކަށް އެންގި ކަމަށެވެ. އެގޮތަށް ފާހަގަވީ ދެ ކަމެއް ކަމަށާއި އެއީ ޏ. އަތޮޅު ކައުންސިލެއްގެ ވެހިކަލެއްގެ މައްސަލަ އާއި ކޮވިޑް 19 އާ ގުޅިގެން ބޭނުން ކުރަން މާލެ ގެނައި ހަތަރު ބަގީގެ މައްސަލަ ކަމަށާއި އެތަކެއްޗަށްވެސް ހުއްދަ ދީފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮވިޑާ ގުޅިގެން ބައެއް ސިޓީތަކަށް ޖަވާބުދިނުން ޑިލޭވި ނަަމަވެސް ހުރިހާ ސިޓީއަކަށް މިހާރު ޖަވާބު ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިހާރުވެސް 100 އެއްހާ ކައުންސިލުން މިނިސްޓަރާ ބައްދަލުކުރަން އެދިފައިވާ ކަމަށާއި، މިނިސްޓަރު ނަހުލާ ކައުންސިލްތަކާ ބައްދަލު ނުކުރައްވަނީ ކީއްވެގެންތޯ، މެންބަރަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ވަގުތު އޮތްވަރަކުން އެ ފަރާތްތަކާ ބައްދަލުކުރައްވަމުން ގެންދަވާ ކަމަށާއި، ނަމަވެސް އެޕޮއިންޓްމަންޓް ހުންނަ ގޮތަށް ބަލައި، އެ ބޭފުޅުން އެދިވަޑައިގަންނަވާ ދުވަހު ބައްދަލުނުވެ ހިނގައިދާނެ ކަމަށެވެ. އަދި ކައުންސެލަރުންނާ ބައްދަލު ނުކުރައްވާ ކަމަށް ފެންނަނީ ފޮޓޯ ނަންގަވައި އާއްމު ނުކުރައްވާތީ ކަމަށާއި މީގެ ފަހުން އެކަން ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޓެކްސީ ޑްރައިވަރުންގެ ވަރަށް ގިނަ ޝަކުވާތައް ހުރިކަމަށް، ވިދާޅުވެ ދެންނެވި ސުވާލަށް މިނިސްޓަރު ވިދާޅުވީ، އެ ޓެކްސީ ސެންޓަރުތަކުގެ ވެރިންނާއި ޓެކްސީ ޑްރައިވަރުންނާ މިނިސްޓްރީން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެފަރާތްތަކުން އެދުނީ، ޓެކްސީ ކުރާއިރު ސަލާމަތީ ގޮތުން ހަމަޖައްސަން ޖެހޭ ކަންތައްތައް ހަމަޖެއްސުމާއި، ޓެކްސީތައް އިތުރުކޮށްދިނުމަށްކަމަށް ވިދާޅުވިއެވެ.
އެެގޮތުން ސަލާމަތީ ގޮތުން އެޗްޕީއޭއިން ކަނަޑައަޅާފައިވާ ކަންތައްތަކައް ފުރުސަތު ފަހިކޮށްދިން ކަމަށާއި، ކޮންމެ ޓެކްސީ ސެންޓަރަކުން ހަ ޓެކްސީއަށް ހުއްދަ ދިނުމަށް ނިންމާފައި އޮތް އޮތުން، ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކަވައިގެން 10 ޓެކްސީއަށް ބަދަލުކޮށްދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކޮވިޑް 19 އާ ގުޅިގެން އެފަރާތްތަކަށް ލިބުނު ގެއްލުމަށް ލުއި ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ އިކޮނޮމިކް މިނިސްޓްރީން ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ، ނިއު ނޯމަލްގެ ތެރެއިން ފަތުރުވެރިކަމަށް ހުޅުވާލާއިރު އެއާޕޯޓްތަކުގެ ކަންތައްވެސް ހަމަޖައްސަމުން ގެންދާ ކަަމަށެވެ. އެގޮތުން އެޗްޕީއޭގެ ގައިޑްލައިންތަކާއި ސިވިލް އޭވިއޭޝަނާއި އައިކާއޯގެ ގައިޑްލައިންތަކާ އެއްގޮތަށް އެއާޕޯޓްތަކުގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ސަރުކާރުގެ ޕޮލިސީއާއެކު އެ ކަމާބެހޭ އުސޫލުތައް އާއްމުކުރެވިގެން ދާނެކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ޓްރާންސްޕޯޓް މިނިސްޓްރީގެ ދާއިރާއިން ވައުދުތައް ފުއްދިފައި ވަނީ ކިހާ ވަރަކަށްތޯ، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ރައީސް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުއްދާފައިވާ ކަމަށެވެ. އަދި އެހެން ކަންތައްތައް ފަސް އަހަރުދުވަހަށް ރާވާލައިގެން ޓާގެޓްތަކެއް ކަނޑައަޅައި ތާރީހުތަކަށް މަސައްކަތްތައް ނިންމަމުންދަނިކޮށް، ކުރިމަތިވި، ކޮވިޑް 19 ގެ މިހާލަތުގެ ސަބަބުން މަސައްކަތްތައް މަޑުޖެހޭ ގޮތް ވެފައިވާ ކަމަށެވެ.