ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ހުޅަނގު އޭޕްރަން މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިން ތަރައްގީ ކުރަމުން އަންނަނީ ހުޅަނގު އޭޕްރަންގެ 35000 އަކަމީޓަރުގެ ސަރަހައްދެއް ކަމަށެވެ.
އެ މަސައްކަތް ނިމުމުން އެތަނުގައި ކޯޑް އެފްގެ މަލްޓިޕަލް އެއާކުރާފްޓް ރޭމްޕް ސިސްޓަމް (މާސް) ހެދިގެންދާނެ ކަމަށާއި އެއީ އޭ380 މަރުކާގެ ދެ މަތިންދާބޯޓު ޕާކު ކުރެވޭނެ ޖާގަ ކަމަށް އެ ކުންފުނިން ބުނެއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބީޔޫސީޖީން ތަރައްގީ ކުރި ސައުތު ވެސްޓް އެޕްރަން ވެސް ވަނީ ހުޅުވައިފައެވެ. ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓުތަކުގައި ހުންނަ ގޮތަށް، ޒަމާނީ ފެންވަރަށް ހަދާފައިވާ އެ އާ އޭޕްރަންގައި ދެ ސައިޒެއްގެ މަތިންދާ ބޯޓު ޕާކު ކުރެވޭނެއެވެ.