މާދަމާރޭގެ ހަނދުކޭތަ "ސްޓްރޯބެރީ މޫން" ރާއްޖެއަށް ފެންނާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖީ ސެންޓަރު (މެޓް) އިން ބުނެފިއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް އަހުމަދު މުސްލިމް މިދާޅުވީ މާދަމާ ރޭގެ ހަނދުކޭތަ ހިފާނެކަމަށް ބެލެވެނީ ރާއްޖެގަޑިން 22:45 އިން ފެށިގެން ފަތިހު ހަތަރެއް ޖެހުމާ ދެމެދު ކަމަށެވެ.
މުސްލިމް މިދާޅުވީ މިފަހަރު ހަނދުކޭތަ ހިފާ ވަގުތު ހަނދު ހުންނާނީ ރާއްޖެއާ ދިމާ މަތީގައި ކަމަށެވެ. ނަމަވެސް މިކޭތައަކީ ފަނޑު ހިޔަނީގެ ކޭތައެއް ކަމަށާއި ކޭތަ ހިފާފައި ހުއްޓަސް ފާހަގަ ނުކުރެވިދާނެކަމަށެވެ.
މާދަމާ ރޭގެ "ސްޓްރޯބެރީ މޫން" ކޭތަ ހިފާއިރު ދުނިޔޭގެ ބައެއް ކަންކޮޅުތަކަށް ފެންނާނީ ކޭތައިގެ އެއްބައެވެ.
ލަފާކުރެވޭގޮތުން، މޫސުން ރަނގަޅު ނަމަ ކޭތަ ފެންނާނެކަމަށް ބެލެވޭ ސަރަހައްދުތަކުގެ ތެރޭގައި އޮސްޓްރޭލިއާ އާއި އެފްރިކާ އަދި އެމެރިކާ ސަރަހައްދުތަކުގެ އިތުރުން ޔޫރަޕްގެ ބޮޑު ސަރަހައްދެއް ހިމެނެ އެވެ. އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކަށް މިކޭތަ ފެންނާނެކަމަށް ބެލެވޭއިރު އިންޑިއާގެ ބޮޑުސަރަހައްދަކަށް މޫސުން ގޯސްވެފައި ވުމުގެ ސަބަބުން އިންޑިއާއަށް ކޭތަ ފެންނާނީ ބައެއް ސަރަހައްދުތަކަށެވެ.
ބައެއް ގައުމުތަކަށް ކޭތަ ޖުމްލަ ތިންގަޑިއިރާ 18 މިނެޓަށް ދެމިގެންދާނެކަމަށް ލަފާކުރެވެއެވެ.
މި ހަނދުކޭތައަށް "ސްޓްރޯބެރީ މޫން" ކިޔާފައިވަނީ ހަނދުގެ ކުލަ ސްޓްރޯބެރީ ކުލައިގައި ހުންނާނެތީއެއް ނޫނެވެ. "ސްޓްރޯބެރީ މޫން" ކިޔަނީ ޖޫންގައި ހިފާ ކޭތައަކަށް ވެފައި މިދުވަސްވަރަކީ ސްޓްރޯބެރީ ދަނޑުތަކުގައި ސްޓްރޯބެރީ ހެދެންފަށާ ދުވަސްވަރަށް ވާތީއެވެ. މިއީ ފަލަކީ އިލްމުވެރިން ދީފައިވާ ނަމެކެވެ.