ޚަބަރު

މުވައްޒަފުންނަށް ރިސޯޓުތަކަށް ދެވޭނެ ގޮތް ހަމަޖައްސައިފި

އަލީ ޔާމިން

1

މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުންނާއި މޮނިޓަރިންގެ ހާލަތުން ނެގިފަހުން 14 ދުވަސް ހަމަވެފައިވާ ރަށްރަށުގައި ތިބި ރިސޯޓުތަކުގެ މުވައްޒަފުންނަށް ރިސޯޓުތަކަށް ދެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުންނާއި މޮނިޓަރިންގެ ހާލަތުން ނެގި ފަހުން 14 ދުވަސް ހަމަވެފައިވާ ރަށްރަށުން ރިސޯޓުތަކަށް ވަޒީފާއަށް ދާން ބޭނުންވާ މުވައްޒަފުންނަށް ރިސޯޓުތަކަށް ދިއުމުގައި އެއްވެސް ހުރެހެއް ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ.

މޮނީޓަރިންގެ ހާލަތުގައިވާ ރަށްރަށުންނާއި މޮނިޓަރިންގެ ހާލަތުން ނެގިފަހުން 14 ދުވަސް ހަމަވެފައިނުވާ ރަށްރަށުން ރިސޯޓުތަކަށް ވަޒީފާއަށް ދާން ބޭނުންވާ މުވައްޒަފުންނަށް، އެ ރިސޯޓެއްގައި 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީންވުމަށްފަހު ވަޒީފާއަށް ނުކުމެވޭނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ރިސޯޓުތަކަށް ވަޒީފާއަށް ދާން ބޭނުންވާ މުވައްޒަފުންގެ މައުލޫމާތު އެޗްޕީއޭއަށް އެންގުމަށް އެ އެޖެންސީން އެދިފައިވާތީ، މުވައްޒަފުންގެ މައުލޫމާތު މިނިސްޓްރީއަށް ފޮނުވުމަށް އެދިފައެވެ.

ކޮވިޑު 19 ފެތުރުން ކޮންޓްރޯލް ކުރުމަށް މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން ފަތުރުވެރިކަން ވަނީ ހުއްޓިފައެވެ. އެކަމުގެ ސަބަބުން ބައެއް ރިސޯޓުތައް ބަންދުކޮށް މުވައްޒަފުން ވަނީ ޗުއްޓީއަށް ފޮނުވާލައިފައެވެ. އަދި ބައެއް ރިސޯޓުތަކުން މުވައްޒަފުންގެ މުސާރަ ކުޑަކޮށް، ވަޒީފާއިން ވަކިވެސްކޮށްފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟