ޚަބަރު

އައްޑޫގައި ކޮވިޑް ޓެސްޓު ކުރުމާ ގުޅޭގޮތުން މަބްރޫކް ދެއްކެވި ވާހަކަ އެއިމްސް އިން ދޮގުކޮށްފި

އަލީ ޔާމިން

އައްޑޫގައި ކޮވިޑް 19އަށް ޓެސްޓު ކުރުމާ ގުޅޭގޮތުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ދެއްކެވި ވާހަކަ އެއިމްސް ހެލްތު ކެއާ ޕްރައިވެޓް ލިމިޓެޑުން ދޮގުކޮށްފިއެވެ.

ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް އައްޑޫ ސިޓީ ފޭދޫގެ ކުލިނިކެއް ކަމަށްވާ އެއިމްސް ޑައިގްނޯސްޓިކް ކެއާ އިން ހާމަކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހެވެ.

އެ ކްލިނިކްގެ މެނޭޖިން ޑިރެކްޓަރު އަލީ އިހުސާން ވިދާޅުވީ، މި ހަފްތާގެ ތެރޭގައި އެ ކުލިނިކުން ކޮވިޑަށް ޓެސްޓު ކުރުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށާއި މިހާރު ކުރެވެމުން އަންނަ މަސައްކަތަކީ އެކަމަށް ބޭނުންވާ ހުއްދަތައް ސަރުކާރުން ހޯދުމުގެ މަސައްކަތް ކަމަށެވެ.

ނަމަވެސް އެ ހުއްދަތައް ލިބުން ލަސްވާތީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލުކުރުމުން މަބްރޫކް ވިދާޅުވީ މިކަމުގައި އެ ކުލިނިކުގެ ފަރާތުން އެދިފައިވަނީ އާސަންދަ މެދުވެރިކޮށް ހޯދަން ޖެހޭ ހުއްދައަކަށް ކަމަށެވެ.

މިކަމާ ގުޅިގެން އިހުސާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އައްޑޫގައި ކޮވިޑަށް ޓެސްޓު ކުރުމުގައި އެއިމްސް އިން އެދިފައިވަނީ އާސަންދަ ކަވަރޭޖަށް ކަމަށް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވި ވިދާޅުވުމަކީ ކުށެއް ކަމަށެވެ.

"ރޭގެ ޕްރެސް ކޮންފަރެންސްގައި އައްޑޫގައި ކޮވިޑް 19 އަށް ޓެސްޓުކުރުމަށް އަޅުގަނޑުމެންގެ ކުލިނިކުން އެދިފައިވަނީ އާސަންދަ ކަވަރޭޖު ހޯދުމަށް ކަމަށް މަބްރޫކް ދެންނެވުމަކީ އެއީ ކުށެއް. އަޅުގަނޑުމެން މިނިސްޓްރީ އޮފް ހެލްތުގައި އެދިފައިވަނީ އައްޑޫގައި އެ ޓެސްޓު ކުރުމުގެ ހިދުމަތް ދިނުމަށާއި، އޭގެ ގައިޑްލައިންއަށް،" އިހުސާން ވިދާޅުވިއެވެ.

އައްޑޫގައި ކޮވިޑަށް ޓެސްޓު ކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނައިރު ރާއްޖޭގައި ކޮވިޑަށް ޓެސްޓު ކުރެވެނީ ހަމައެކަނި މާލޭގައެވެ. އެގޮތުން މާލޭގެ ތިން ތަނަކުން ކޮވިޑަށް ޓެސްޓު ކުރެވެއެވެ. އެއީ އޭޑީކޭއާއި އައިޖީއެމްއެޗުގެ އިތުރުން ފުލުހުންގެ ލެބޯޓަރީންނެވެ.