ޚަބަރު

ވަޒީފާއިން ވަކިކުރި ޗިޓުގައި ރައީސާއި މަޖިލީހުގެ ރައީސްގެ އަބުރާ ބެހުނު ކަމަށް ލިޔެވުނީ އިދާރީ ކުށަކުން: އެމްޕީއެލް

3

ސޯޝަލް މީޑިއާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަބުރު ގެއްލޭގޮތަށް ލިޔަމުންދާ ކަމަށް ބުނެ ވަޒީފާއިން ވަކިކުރުމަށް ޗިޓް ފޮނުވުނީ އިދާރީ ކުށަކުން ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނެފިއެވެ.

މިދިޔަ މެއި މަހުގެ ދެވަނަ ދުވަހު ވަޒީފާއިން ވަކިކުރިކަމުގެ ޗިޓް ފޮނުވާފައިވަނީ އެމްޕީއެލްގެ ދަށުން ހިންގާ، ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް)ގެ މުވައްޒަފަކަށެވެ. އޭނާއަށް ފޮނުވި ފުރަތަމަ ޗިޓުގައި ވަޒީފާއިން ވަކިކުރި ސަބަބެއް ކަމުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަބުރު ގެއްލޭގޮތަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފާޅުގައި ލިޔަމުން ދިއުމެވެ.

އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ކުރިން ވެސް އެ މައްސަލައިގައި އެ މުވައްޒަފަށް އިންޒާރު ދީފައިވެއެވެ. އަދި ވަޒީފާއިން ވަކިކުރީ އެކަން ތަކުރާރުކޮށްފިނަމަ ވަޒީފާއިން ވަކިކުރާނެކަމަށް އަންގައި ފަހުގެ އިންޒާރު ދިނުމަށްފަހުގައި ކަމަށް ވެސް ވަޒީފާއިން ވަކިކުރި ޗިޓުގައި ބުނެފައިވެއެވެ. ފަހުގެ އިންޒާރުގެ ލިޔުން މުވައްޒަފަށް ފޮނުވާފައިވަނީ 1 ޑިސެމްބަރު 2019 ގައެވެ.

ނަމަވެސް ވަޒީފާއިން ވަކިކޮށް މުވައްޒަފަށް ފުރަތަމަ ފޮނުވި ސިޓީގައި އިދާރީ ބައެއް ކުށް ހުރުމުން، އެޗްޕީއެލް އިން ވަނީ އެ ސިޓީ އަނބުރާ ގެންގޮސް އެހެން ސިޓީއެއް އޭނާއަށް ފޮނުވައިފައެވެ. ވަޒީފާއިން ވަކިކުރިކަން އަންގައި ފޮނުވި ދެވަނަ ޗިޓުގައި ރައީސާއި މަޖިލީހުގެ ރައީސްގެ އަބުރަށް ހުތުރުވާ ގޮތަށް ސޯޝަލް މީޑިއާގައި ލިޔުންތައް ލިޔާ ވާހަކަ ވަނީ އުނިކޮށްފައެވެ.

އެމްޕީއެލްގެ މީޑިއާ އޮފިސަރު ހަސަން ޝިފާން "ވަން" އަށް ވިދާޅުވީ، ވަޒީފާއިން ވަކިކުރިކަމަށް އެންގުމަށް ފުރަތަމަ ފޮނުވި ޗިޓުގައި ރައީސް އާއި މަޖިލީހުގެ ރައީސްގެ އަބުރާ ބެހުނު ކަމަށް ބުނެފައިވަނީ އެއީ އިދާރީ ކުށެއް ކަމަށެވެ. އަދި މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ "ކޯޑް އޮފް ކޮންޑަކްޓްސް" އާ ހިލާފުވެފައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީފާއިން ވަކިކޮށްފައިވަނީ އެޗްޕީއެލްގައި 10 ނޮވެމްބަރު 2014 ވަނަ އަހަރުން ފެށިގެން އެކުންފުނީގައި އެސިސްޓަންޓް އޮޕަރޭޝަން އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ މީހެކެވެ.

ރައީސް ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދަށް ފާޑުކީ ކަމަށް ބުނެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރިއިރު، އެދެބޭފުޅުން ވެސް މީގެ ކުރިން ވަނީ މި ސަރުކާރުގައި އެފަދަ މައްސަލައެއްގައި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟