ސޯޝަލް މީޑިއާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަބުރު ގެއްލޭގޮތަށް ލިޔަމުންދާ ކަމަށް ބުނެ އެމްޕީއެލްގެ ދަށުން ހިންގާ، ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް)ގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.
ވަޒީފާއިން ވަކިކޮށްފައިވަނީ އެޗްޕީއެލްގައި 10 ނޮވެމްބަރު 2014 ވަނަ އަހަރުން ފެށިގެން އެކުންފުނީގައި އެސިސްޓަންޓް އޮޕަރޭޝަން އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ މީހެކެވެ.
އޭނާ ވަޒީފާއިން ވަކިކުރިކަން އަންގައި މިދިޔަ މެއި މަހުގެ ދެވަނަ ދުވަހު ފޮނުވި ފުރަތަމަ ޗިޓުގައި ވަޒީފާއިން ވަކިކުރި ސަބަބެއް ކަމުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަބުރު ގެއްލޭގޮތަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފާޅުގައި ލިޔަމުން ދިއުމެވެ.
އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ކުރިން ވެސް އެ މައްސަލައިގައި އެ މުވައްޒަފަށް އިންޒާރު ދީފައިވެއެވެ. އަދި ވަޒީފާއިން ވަކިކުރީ އެކަން ތަކުރާރުކޮށްފިނަމަ ވަޒީފާއިން ވަކިކުރާނެކަމަށް އަންގައި ފަހުގެ އިންޒާރު ދިނުމަށްފަހުގައި ކަމަށް ވެސް ވަޒީފާއިން ވަކިކުރި ޗިޓުގައި ބުނެފައިވެއެވެ. ފަހުގެ އިންޒާރުގެ ލިޔުން މުވައްޒަފަށް ފޮނުވާފައިވަނީ 1 ޑިސެމްބަރު 2019 ގައެވެ.
ނަމަވެސް ވަޒީފާއިން ވަކިކޮށް މުވައްޒަފަށް ފުރަތަމަ ފޮނުވި ސިޓީގައި އިދާރީ ބައެއް ކުށް ހުރުމުން، އެޗްޕީއެލް އިން ވަނީ އެ ސިޓީ އަނބުރާ ގެންގޮސް އެހެން ސިޓީއެއް އޭނާއަށް ފޮނުވައިފައެވެ. ވަޒީފާއިން ވަކިކުރިކަން އަންގައި ފޮނުވި ދެވަނަ ޗިޓުގައި ރައީސާއި މަޖިލީހުގެ ރައީސްގެ އަބުރަށް ހުތުރުވާ ގޮތަށް ސޯޝަލް މީޑިއާގައި ލިޔުންތައް ލިޔާ ވާހަކަ ވަނީ އުނިކޮށްފައެވެ. އަދި ވަކިކުރި ސަބަބެއް ކަމަށް ބުނެފައިވަނީ، އެޗްޕީއެލްގެ "ކޯޑް އޮފް ކޮންޑަކްޓް ޕޮލިސީ" އާ ހިލާފުވެފައިވާތީ ކަމަށެވެ.
ރައީސް ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދަށް ފާޑުކީ ކަމަށް ބުނެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރިއިރު، އެ ދެބޭފުޅުން ވެސް މީގެ ކުރިން ވަނީ މި ސަރުކާރުގައި އެފަދަ މައްސަލައެއްގައި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށް ވިދާޅުވެފައެވެ.