ޚަބަރު

ޝިޔާމަށް އަނިޔާކުރުން ކުށްވެރިކޮށް ނައިފަރުގައި އިހުތިޖާޖުކޮށްފި

އަލީ ޔާމިން

ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމަށް ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ހަމަލާދިނުމުން އެކަން ކުށްވެރިކޮށް ނައިފަރު ރައްޔިތުން މުޒާހަރާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި މިމަހު އެއްވަނަ ދުވަހު ދަންވަރު ބޭއްވި ޖަލްސާގައި ރިޔާސަތުން ޝިޔާމްގެ ނަން ތިން ފަހަރަށް އިއްވުމުންވެސް ޝިޔާމް މަޖިލިސް ދޫކޮށް ވަޑައިގެންފައި ނުވުމުން މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ވަނީ ޝިޔާމް މަޖިލީހުން ނެރިފައެވެ. ޝިޔާމް މަޖިލީހުން ނެރުމުގެ ތެރޭގައި މަޖިލީހުގެ މަޝްރަހު ހޫނުވެ، ބައެއް މެންބަރުން ބޮނޑިވެ އެއް މެންބަރަކު އަނެއް މެންބަރުގެ ގަޔަށް އަތްލައި އަނިޔާކޮށްފައިވެއެވެ. އެ ހަމަނުޖެހުންތަކުގެ ތެރޭގައި ޝިޔާމްގެ ގަމީސް ވީދައިގެން ގޮސް އެކިވަރުގެ އަނިޔާވެފައިވެއެވެ.

ނައިފަރު ރައްޔިތުން މާސްކާއެކު ސަލާމަތީ ފިޔަވަޅުތައް އަޅައިގެން މިއަދު ހަވީރު ކުރިއަށްގެންދިޔަ އިހުތިޖާޖުގައި ވަނީ ޝިޔާމަށް އަނިޔާ ކުރުން ބަލައި ނުގަނެވޭނެ ކަމަށާއި ޝިޔާމަކީ މުޅި ނައިފަރު ފަހުރުވެރިވާ ބޭފުޅެއް ކަމަށް ބުނެފައެވެ. އަދި މަޖިލީހުގެ ރައީސް އިސްވެ ހުންނަވާ ޝިޔާމަށް އަނިޔާކޮށްފައިވާ ކަމަށާއި އެކަން ދުވަހަކުވެސް ހަނދާނުން ނުނެތޭނެ ކަމަށް އިހުތިޖާޖުގެ ބައިވެރިން ބުނެފައިވެއެވެ.

އެ އިހުތިޖާޖުގައި ނައިފަރުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.

ޝިޔާމަށް އަނިޔާކުރި މައްސަލަ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުންވެސް ކުށްވެރިކޮށްފައިވާ އިރު، އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ޝިޔާމްގެ ފަރާތުން ފުލުހަށްވެސް ވަނީ ހުށަހަޅައިފައެވެ.