އަލީ ޔާމިން
ކޮވިޑު 19އާ ގުޅިގެން އަޔަލެންޑުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަޔަލެންޑުގެ ބޮޑުވަޒީރު، ލިއޯ ވަރަދްކަރާ މަޝްވަރާކުރައްވައިފިއެވެ.
ފޯނުން ގުޅުއްވައި މިއަދު ކުރެއްވި މަޝްވަރާތަކުގައި ރައީސް ސޯލިހު ވަނީ، ކޮވިޑް 19ގެ ހާލަތުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި ކޮވިޑް 19ގެ އަސަރު ރާއްޖެއަށް ކޮށްފައިވާ މިންވަރާއި، އެބަލީގައި ރާއްޖެއިން މަރުވި މީހުންނާއި، ބަލި ޖެހުނު މީހުންގެ މައުލޫމާތުވެސް ރައީސް ވަނީ ހިއްސާކުރައްވައިފައެވެ.
މީގެ އިތުރުން ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އަޅައިފައިވާ ފިޔަވަޅުތަކުގެ މައުލޫމާތުވެސް އަޔަލެންޑްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު އަރުވާފައިވެއެވެ.
ކޮވިޑް 19ގެ ސަބަބުން އިގްތިސޯދީ ގޮތުން އެންމެ ބޮޑެތި ގެއްލުންތަކެއް ވަމުންދާނީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކަމަށާއި އެހެންކަމުން ކޮވިޑުގެ ހާލަތުން އަރައިގަނެ އާންމު ހާލަތަށް ރުޖޫއަވެ، އިގުތިސޯދު އަލުން ކޮޅަށް ޖެހުމަށް ބައިނަލްއަގުވާމީ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖެއިން ލޯނު ނަގާފައިވާ ގައުމުތަކުންނާއި ފައިނޭންސިއަލް އިންސިޓިއުޓްތަކުން އޭގެން ބައެއް ދަރަނި މާފުކޮށްދިނުން އެދޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަޝްވަރާތަކުގައި އަޔަލެންޑުން ވަނީ ރާއްޖޭގެ މޫސުމަށް އަންނަ ނޭދެވޭ އަސަރުތަކުން ރާއްޖެ ސަލާމަތްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ޓެރަރިޒަމާއި، ވިޔަފާރީގެ ކަންކަމުގެ އިތުރުން ކޮވިޑް 19ގެ ކަންކަމުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.
އަޔަލެންޑާއި ރާއްޖޭގެ ޑިޕޮލޮމެޓިކް އެކުވެރިކަމަށް މިހާރު ވަނީ 21 އަހަރު ވެފައެވެ.