ކޯވިޑާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި ޓްރާންސްޕޯޓް މިނިސްޓްރީން ހިދުމަތްތައް ދެމުންދިޔަ ގޮތާ ބެހޭ މައުލޫމާތު ސާފުކުރުމަށް މިނިސްޓަރު އާއިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް މިރޭ ހާޒިރު ކުރަން ނިންމައިފިއެވެ.
އެ ކޮމިޓީގެ މިރޭގެ ބައްދަލުވުން ބާއްވަން ހަމަޖައްސާފައިވަނީ މިރޭ 9:00 ގައެވެ.
ވީޑިއޯ ކޮންފަރެންސްކޮށް ބާއްވާ މި ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރުުގެ އިތުރުން އެ މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ޓްރާންސްޕޯޓް މިނިސްޓަރު މިރޭ ހާޒިރުކުރަން ހަމަޖެހިފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް މިނިސްޓަރު ނަހުލާ ހާޒިރު ކުރުމުގެ މަަަސައްކަތްތަކެއްވެސް އެ ކޮމިޓީން އަންނަނީ ކުރަމުންނެވެ.
އެ ކޮމިޓީން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައިވެސް ބައިވެރިވެވަޑަގަންނަވާނެ ކަމަށް ވިދާޅުވެ، ބައިވެރިވެވަޑައިނުގެންނެވި މައްސަލައިގައި ކޮމިޓީގެ މެންބަރުން ވަނީ ވަރަށް ހިތްހަމަޖެހިވަޑައިނުގެން ވާހަކަދައްކަވައިފައެވެ. އަދި ވީ އެންމެ އަވަހަކަށް މިނިސްޓަރު ކޮމިޓީއަށް ހާޒިރުވެވޭނެ ދުވަހެއް އެންގުމަށް މިނިސްޓަރަށް ދެންނެވުމަށް ވެސް އެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
މިނިސްޓަރު އެ ކޮމިޓީއަށް ހާޒިރު ކުރަނީ، މަސްދޯނި ފަހަރުގައި ބިދޭސީން މަސައްކަތްކުރާ މައްސަލަ އާއި، ރަށްރަށުގެ ބަނދަރުތައް ބޭނުންކުރުމަށް ހަދަންޖެހޭ ގަވައިދުތަކާއި އުސޫލުތައް ފުރިހަމަނުކުރާ ކަމަށްބުނެ އެ ކޮމިޓީގެ ނާއިބު މުގައްރިރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ، މައްސަލައާ ބެހޭގޮތުންނެވެ.