ޚަބަރު

އެހެން ގައުމުތަކަށް ވުރެ ރާއްޖޭގައި ކުޑަކުދިންނަށް ކޮވިޑް 19 ޖެހޭ އަދަދު ގިނަ

މަރިޔަމް ޝަހުދާ

އެހެން ގައުމުތަކާ އަޅައި ބަލާއިރު ނިސްބަތުން ރާއްޖޭގައި ކުޑަކުދިންނަށް ކޮވިޑް 19 ޖެހޭ އަދަދު ގިނަ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދާއި ހަމަޔަށް މިހާތަނަށް ރާއްޖޭގައި 100 ކުޑަކުދިން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއީ ނިސްބަތުން ބަލާއިރު އެހެން ގައުމުތަކަށް ވުރެ ގިނަ އަދަދެއްކަން ޑރ. ފައިސަލް ފާހަގަ ކުރެއްވިއެވެ.

ކޮވިޑް 19 ޖެހުނު ކުޑަކުދިންގެ ތެރެއިން މިހާތަނަށް ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހިފައިވަނީ ދެ ކުއްޖަކުކަން ޑރ. ފައިސަލް ފާހަގަ ކުރެއްވިއެވެ. އަދި މި ދެ ކުދިންނަކީވެސް އަށް މަހަށް ވުރެ ކުޑަ ދެކުދިން ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

ޑރ. ފައިސަލް ވިދާޅުވީ މި ދެ ކުދިންގެވެސް ރޯގާގެ އަލާމާތެއް ނެތް ކަމަށެވެ. ނަމަވެސް ދެ ކުދިންގެވެސް ހުން ހުރި ކަމަށާއި އެ ދެކުދިންގެ ތެރެއިން އެއް ކުއްޖަކު ހޮޑުލައި، ބޭރަށް ހިންގި ކަމަށެވެ.

މީގެ އިތުރުން އާއިލާއާ އެކު ޕޮޒިޓިވް ވި މި ދެކުދިންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.