ޚަބަރު

ރީކޯ މޫސަ ރައީސް ނަޝީދަށް: އިންސާނެއްގެ ނަފްސަށް ބަޔަކު އަނިޔާކުރާއިރު ފޯރިދޭން ހުރެފާނެކަމަށް ހީނުކުރަން

އަލީ ޔާމިން

1

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އިންސާނެއްގެ ނަފްސަށް ބަޔަކު އަނިޔާކުރާއިރު ފޯރިދޭން ހުރެފާނެ ބޭފުޅެއް ކަމަށް ދުވަހަކުވެސް ހީނުކުރައްވާކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ރައީސް ނަޝީދުވެސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ހުޅުހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެންނަން އިއްޔެރޭގެ ދަންވަރުގެ ވަގުތެއްގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި ބައެއް މެންބަރުންނަށް އަނިޔާވެފައެވެ. ހާއްސަކޮށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ވަނީ ބައެއް ކަހަލަގެ އަނިޔާތައް ލިބިފައެވެ.

އިދިކޮޅު ޕީޕީއެމްއާ ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން އެރޭ ނެރުނު ބަޔާނެއްގައި ބުނީ ޝިޔާމަށް އަނިޔާކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިތްވަރު ދެއްވި ކަމަށާއި، އެކަން އެގޮތަށް ކުރުމަށް އެންގެވި ކަމަށެވެ. ޝިޔާމަށް އަނިޔާކުރި މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު، ޝިޔާމް ވަނީ ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވައިފައެވެ.

އެކަމާ ގުޅިގެން މޫސާ މަނިކު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 8 ފެބުރުއަރީ 2012ގައި ރައީސް ނަޝީދުގެ ދިފާއުގައި އައްޑަނައަކަށް ވީތީ އެބޭފުޅާ "ތަޅާޗިސް" ކުރި ކަމަށެވެ. އެހެންކަމުން އިންސާނެއްގެ ނަފްސަށް ބަޔަކު އަނިޔާކުރާއިރު ފޯރިދޭން ރައީސް ނަޝީދު ހުރެފާނެކަމަށް ދުވަހަކުވެސް ހީނުކުރައްވާ ކަމަށެވެ.

"ދުވަހަކުވެސް ހިތަކަށް ނާރާ އެއްވެސް އިންސާނެއްގެ ނަފްސަށް ބަޔަކު ކުޑަވެސް އަނިޔާއެއްދޭއިރު އެކަން ނުހުއްޓުވައި އެކަމަށް ފޯރިދޭން ހުރެފާނެ ކަމަކަށް" ރީކޯ މޫސަގެ ޓުވީޓުގައި ވެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމާ ގުޅިގެން ފެބްރުއަރީ، 8، 2012 ގައި ރާއްޖޭ އެކި ކަންކޮޅުތަކުގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފައެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ފުލުހުންގެ އިމާރާތްތަކާއި ކޯޓުތަކާއި ކައުންސިލް އިދާރާތަކަށް ގެއްލުންދީ، ހުޅުޖަހައި، އަންދައިލައިފައިވެއެވެ. ފުލުހުންނާއި އާންމު ރައްޔިތުންނާ ދެމެދު ހިނގި އެ ހަމަނުޖެހުންތަކުގައި އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވި ގިނަ ބޭފުޅުންވެސް ބައިވެރިވެފައިވާއިރު، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. އޭގެ ތެރޭގައި މޫސާ މަނިކުވެސް ހިމެނިވަޑައިގަންނަވައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟