ބިއުޓީ

ސްކިން ކެއާ: ހަމުގެ ފަރުވާއަށް ޗައިނާ މީހުން ބޭނުން ކުރާ ތިން އުކުޅެއް

ޗައިނާ މީހުންނަކީ ސިއްހަތަށް ވަރަށް ފަރުވާތެރި ބައެކެވެ. ހާއްސަކޮށް ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދެއެވެ. އެތައް އަހަރެއް ވަންދެން އެގައުމުގައި ބޭނުން ކުރަމުން އަންނަ ބިއުޓީ ސީކްރެކްޓްސް ތަކާއި ޓިޕްސް ތަކަކީ އޭގެ ސިއްރެވެ. ޒަމާންތައް ބަދަލުވެ ޖީލުތަކަށް ވާސިލްވަމުން އައި ހަމުގެ ފަރުވާޔަށް ބޭނުންކުރާ އުކުޅުތަކަކީ މިހާރުވެސް އެގައުމުގައި ވަރަށް މަގުބޫލުކޮށް ކުރަމުން އަންނަ ކަންކަމެވެ. މީގެ ތެރެއިން ފަސޭހައިން ކުރެވިދާނެ ތިން ކަމަކަށް މި ލިޔުމުގައި ބަލައިލާނަމެވެ.

ގްރީން ޓީ

މިއީ ސިއްރެއް ނޫނެވެ، އޮމާން ސާފު ހަމަކަށް އެންމެ މުހިންމު އެކައްޗަކަށް ގްރީން ޓީ ވެއެވެ. ގްރީން ޓީ ބުއިމިން އެތެރެ ހަށި ލުއިކޮށްދީ، އެނާޖެޓިކް ކޮށްދޭއިރު ޓޯނާއެއްގެ ގޮތުގައި ބޭނުންކުރުމުން ހަމުގެ އެންމެ އެތެރެ ފަށަލަޔަށްވެސް އޭގެ ފައިދާ ފޯރައެވެ. ގްރީން ޓީގައި ހިމެނޭ އެންޓި އޭޖިން މާއްދާގެ ސަބަބުން މިއީ ޗައިނާ މީހުންގެ މެދުގައި އެންމެ މަގުބޫލުކޮށް ބޭނުން ކުރާ އެއް އުކުޅެވެ.

އެކްސްޓްރާ ޓިޕް: ގްރީން ޓީގެ ބަދަލުގައި ފަހަކަށް އައިސް ހަމާ ގުޅޭނެހެން އެކި ކަހަލަ ހާބަލް ޓީ ބޭނުން ކުރެއެވެ. އެހެން ކަމުން އެކި ކަހަލަ ސައިފަތުންވެސް ހަށިގަނޑާ ގުޅޭ ވައްތަރެއް ހޯދައިލެވިދާނެއެވެ.

ރައިސް ވޯޓާ (ހަނޑޫ ފެން)

މިއީވެސް ޗައިނާ މީހުންގެ މުހިންމު ބިއުޓީ ސިއްރެކެވެ. "ރައިސް ވޯޓާ" އިން ހަންގަނޑު ޓޯންކޮށް މޫނު އުޖާލާ ކުރުމަކީ އެގައުމުގެ މީހުން އެތައް ޒަމާންތަކެއްގެ ކުރިން ފެށިގެންކުރަމުން އަންނަ ކަމެކެވެ.

ރައިސް ވޯޓާ (ހަނޑޫ ފެން) ހަދާނެ ގޮތް: ސާފުނުކޮށް ނުދޮވެ ހުރި ހަނޑޫ ފެނަށް އެޅުމަށްފަހު ގަޑިއެއްހާއިރު ވަންދެން ބަހައްޓައިލާށެވެ. އެޔަށްފަހު ހަނޑުލާއި ފެން ވަކިކޮށްލާށެވެ. ވަކި ކުރި ފެން ހަމުގައާއި އިސްތަށިގަނޑުގައިވެސް އެކި ފަރުވާ ތަކަށް ބޭނުން ކުރެވޭނެއެވެ.

މޫނު މަސާޖުކުރުން

މޫނުގައި ބޭނުން ކުރެވިދާނެ އެކި ކަހަލަ މަސާޖުކުރާ ޓޫލްސް ތަކަކީ ޗައިނާ މީހުން އާންމުކޮށް ބޭނުން ކުރާ އެއްޗެކެވެ. މިއީ މަސާޖުކުރުމުން ހަމުގެ ހުރިހާ ފަށަލަޔަކަށް އޭގެ އަސަރު ފޯރުކޮށްދިނުމުގެ ގޮތުން ބޭނުން ކުރާ ތަކެއްޗެކެވެ. ހާއްސަކޮށް ލޭ ދައުރުކުރުމަށް އެހީވެދީ ހަންގަނޑު އުޖާލާކޮށްދެއެވެ.

އެކްސްޓްރާ ޓިޕް: މޫނު މަސާޖުކުރާ ޓޫލްސް ހޯދާނަމަ ޖޭޑް ރޯލާސް ނުވަތަ ގުއާ ޝާ ބްރޭންޑުގެ ޓޫލްސް ތަކަކީ އާންމުކޮށް ގިނަ މީހުން ބޭނުން ކުރާ ބްރޭންޑުތަކެވެ.

މީގެ ޓޫލްސް ނެތް ހާލަތެއްގައި އަތުންވެސް މަސާޖުކުރެވިދާނެއެވެ.