ކޮވިޑް 19ގެ މިދަނޑިވަޅުގައި މާލެ ސަރަހައްދުގައި ދުވަހު އާމްދަނީއަށް މަސައްކަތް ކުރަމުން އަންނަ މަސްވެރިންނަށް މަހަށް ދެވޭނެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ދިވެހި މަސްވެރިންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ބޮޑެތި ވިޔަފާރިތަކަށްވުރެ އިގްތިސާދީ ގޮތުން މިދަނޑިވަޅުގައި އެންމެ ބޮޑު ގެއްލުން ތަހައްމަލުކުރަން ޖެހިފައިވަނީ ކުދި ވިޔަފާރިތަކާއި އަމިއްލަ ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކާއި އަދި ދުވަހުން ދުވަހަށް އާމްދަނީ ލިބޭ އުސޫލުން މަސައްކަތް ކުރާ އަމިއްލަ ފަރުދުންނަށް ކަމަށެވެ.
އެގޮތުން ދުވަހު އާމްދަނީ ލިބޭ އުސޫލުން މަސައްކަތްކުރާ މަސްވެރިންނަކީ ރާއްޖޭގެ އެހެނިހެން އަތޮޅުތަކުގައި ނިސްބަތުން ގިނަ ބަޔަކު ކަމުގައިވީ ނަމަވެސް މާލެ ސަރަހައްދުގައި މަސްވެރިކަން ކޮށްގެން ދުވަހު މުސާރައަށް ބަރޯސާވެގެން ދިރިއުޅެމުން ދިޔަ އެތައް މަސްވެރިންނަށް ބޮޑެތި ގެއްލުންތައް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
ސަބަބެއް ކަމަށް އެ ޖަމިއްޔާއިން ބުނީ، ވަކި އުސޫލެއްގެ މަތިން އަތޮޅުތަކުގައި ކޮމާޝަލް މަސްވެރިކަމާއި ކުދި ބޮއްކުރާ ނުވަތަ ޑިންގީގައި އަމިއްލަ މަސްވެރިކަމަށް ގޮސް އާމްދަނީ ހޯދުމުގެ ފުރުސަތު ހުޅުވާލާފައި އޮތް ނަމަވެސް މާލޭގައި މިވަގުތު ހުއްދަ ދީފައިވަނީ ހަމައެކަނި ކޮމާޝަނަލް މަސްވެރިކަމަށްވާތީއެވެ.
އެހެންނަމަވެސް ލޮކްޑައުންއަށް ލުއި ދިނުމުގެ ފުރަތަމަ މަރުހަލާގައި އެހެނިހެން ވިޔަފާރިތަކާ ބައެއް އެއްގަމު އުޅަނދުގެ ދަތުރުތައް ކުރުމުގެ ހުއްދަ ދެވިފައިވާއިރު އެ ގޮތުގެ މަތިން ކުދި ދޯނި އަދި ލޯޗު ފަހަރުގެ ކުދި ބޮޑު މިނަށް ބެލުމަށްފަހު މާލެ ސަރަހައްދުގައި ދުވަހު އާމްދަނީއަށް މަސައްކަތްކުރަމުންދާ މަސްވެރިންނަށް ވެސް މަހަށް ދިއުމުގެ ފުރުސަތު ދިނުމަށް ވެސް ބަޔާނުގައި ވެއެވެ.
އެ ޖަމިއްޔާގެ ބަޔާނުގައި އިތުރަށް ބުނީ، މާލެ ސަރަހައްދުގައި ދުވަހު މުސާރަޔަށް މަސައްކަތްކުރާ މަސްވެރިންނަކީ އެމީހުން މަހަށްދާން ގެންގުޅޭ އުޅަނދުތައް މަސްވެރިކަމަށް ދިއުމަށްޓަކައި ރަޖިސްޓްރީކޮށް ސަރުކާރަށް ދައްކަންޖެހޭ ފީ އަދި މި ވިޔަފާރިއަށްޓަކައި ބޭންކުތަކުން ލޯނު ނަގައި، އެ ލޯނު އަދާކުރަމުން އަންނަ ފަރާތްތަކެއް ކަމަށެވެ.
އޭގެ އިތުރުން އުޅަނދުފަހަރު ޕާކު ކުރުމަށްޓަކައި ދެވިފައިވާ ޒޯނަށް ވެސް މަހުން މަހަށް ފީ ދައްކަމުން އަދި އެ އުޅަނދުފަހަރުގެ ސާވިސް ވެސް ގަވާއިދުން ކޮށްގެން އުޅެމުން އަންނަ ބަޔަކަށް ވުމުން މި އިގްތިސާދީ ހީނަރުކަމުގައި މިކަންކަމަކީ ބޮޑެތި ހަރަދެއް ކަމަށް ވެސް ދިވެހި މަސްވެރިންގެ ޖަމިއްޔާއިން ބުނެއެވެ.